ޔުރޭނިއަމް ފައްކާކުރުމަށް އެގައުމުން މިހާރު ބޭނުންކުރަމުންދަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ސެންޓްރިފިއުޖުތަކެއް ކަމަށް އީރާނުން ބުނެފިއެވެ.

މިއީ އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އުފެދުނު ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އެކުލަވާލި އެއްބަސްވުމާ ދުރަށް، އީރާނުން ޖެހެމުންދާކަން ސާބިތުކޮށްދިނުމުގެ ގޮތުން އެގައުމުން އާންމުކުރި މައުލޫމާތެއް ކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ ނިއުކްލިއާ އޭޖެންސީގެ ތަރުޖަމާނު ބިހްރޫޒް ކަމާލްވާންދީ ވިދާޅުވީ، އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ 40 ސެންޓްރިފިއުޖެއް މިހާރު އެގައުމުން އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ.

މުއްސަނދިކޮށް ނުވަތަ ފައްކާކޮށްފައިވާ ޔުރޭނިއަމްއަކީ ނިއުކްލިއާ ރިއެކްޓަރުތަކަށް ހަކަތައިގެ ގޮތުގައި ބޭނުންކުރާ މާއްދާއެކެވެ. މީގެ އިތުރުން މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައިވެސް ބޭނުންކުރާ ބާރުގަދަ މާއްދާއެއްކަން ފާހަގަކުރަންޖެހެއެވެ.

2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމާ ދުރަށް އީރާނުން ޖެހެމުންދަނީ، އެމެރިކާއިން މިދިޔަ އަހަރު ކުށްލި ގޮތަކަށް އެ އެއްބަސްވުން ދޫކޮށްލާ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށި ހިސާބުން، ވިލާތުގެ ބާރުތަކަށް އިންޒާރެއް ދިނުމުގެ ގޮތުންނެވެ. އީރާނުގެ މަގުސަދަކީ، އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އީރާނަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކަށް، ވިލާތުގެ ބާރުތަކުން ލުޔާ، ރައްކާތެރިކަން ހޯދާދިނުމެވެ.

ކަންމިހެންއޮތްއިރު، ޒަމާނީ ފެންވަރުގެ އިތުރު ސެންޓްރިފިއުޖުތައް ގައުމުގެ ބޭނުމާ އެކަށީގެންވާ މިންވަރަކަށް އުފައްދަމުންދާނެކަމުގެ އިންޒާރުވެސް ބިހްރޫޒް ކަމާލްވާންދީވަނީ ދެއްވާފައެވެ.

އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައި.އޭ.އީ.އޭ) އިން ވަނީ، ޔުރޭނިއަމް ފައްކާ ކުރުމަށް އީރާނަށް ކަނޑައަޅާފައިވާ އިން މިހާރުވެސް ފަހަނައަޅާ ގޮސްފައިވާކަމުގެ އިންޒާރު، މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ދީފައެވެ.