އަދި މިހާތަނަށް އެސަރަހައްދެއްގެ ދިރާސާތަކެއް ސައިންސްވެރިން ހަދާފައި ނުވާ ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދިޔަ "ޗާންދްރަޔާ-2" ގެ މިޝަން ނާކާމިޔާބުވެއްޖެއެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެކަށްވެސް "ޗާންދްރަޔާ-2"ގެ މިޝަންގެ ކަންކަން ދިޔައީ ރާވާފައި އޮތް ތާވަލާ އެއްގޮތަށް ކަމަށާ، ނަމަވެސް މައްސަލަ ކުރިމަތިވީ ހަނދުގެ ސަތަހައާއި އެންމެ 2.1 ކިލޯމީޓަރަށް ވެފައި ވަނިކޮށް ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

ޖައްވީ ދިރާސާތަކާ ބެހޭ އިންޑިއާގެ އިދާރާ (އައި.އެސް.އާރް.އޯ) އިން ބުނީ، 'ޗާންދްރަޔާން-2" މިޝަންގެ ޖައްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުނީ، ހަނދުގެ ސަތަހާގައި އެ އުޅަނދު ޖެއްސުމަށް މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ކަމަށެވެ. މިމިޝަން ކާމިޔާބުވީ ނަމަ، އިންޑިއާ ވެގެން ދަނީ ހަނދުގައި ކާމިބުކަމާއެކު ސޮފްޓް-ލޭންޑިންގްއެއް ހެދި 4 ވަނަ ގައުމަށެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ފަހަރަށް ހަނދުގައި މިޝައެއް އެއް ހިންގީ "ޗާންދްރަޔާން-1"ގެ ނަމުގައި 2008 ވަނަ އަހަރުއެވެ. އެ ފަހަރު އިންޑިއާއިންވަނީ ރޭޑާތަކުގެ އެހީގައި ހަނދުގެ ސަތަހާގައި ފެން އެކުލެވޭ މިންވަރާ ބެހޭ ގޮތުން ވަރުގަދަ ދިރާސާއެއް ހަދާފައެވެ.