ހަނދުގެ ދެކުނު ތަނޑިއަށް ގައުމަކުން ކުރާ ފުރަތަމަ ދަތުރުގައި ހަރަކާތްތެރިވަމުންދާ އިންޑިއާގެ ޖައްވީ މިޝަން ޗާންދްރަޔަން-2، މިރޭ ހަނދުގައި ޖައްސާނެ ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިޝަން ޗާންދްރަޔާން-2ގެ ޖައްވީ އުޅަނދު ހަނދުގައި ލޭންޑުކުރާނީ އިންޑިއާ ގަޑިން މިރޭ މެންދަމުން އަލިވެ 01:55 ހާއިރުއެވެ. ހަނދުގައި ޖައްސާ އުޅަނދަށް އިންޑިއާއިން ދީފައިވާ ނަމަކީ "ވިކްރަމް"އެވެ. "ވިކްރަމް" ހަނދުގައި ޖެއްސުމަށްފަހު، އޭގެ ތެރޭގައިވާ "ޕްރަގްޔާން" އުޅަނދު ހަނދުގެ ސަތަހައަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ފަތިހު 05:30އާއި 06:30އާއި ދެމެދު ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.
މިޝަން ޗާންދްރަޔާން-2 ހަނދުގައި ޖައްސާ މަންޒަރު، އިންޑިއާގެ ޖައްވީ އިދާރާގައި ހުންނަވައިގެން ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައްލަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޗާންދްރަޔާން-2 ކާމިޔާބުވުމާއެކު، އިންޑިއާ ވާނީ ހަނދަށް ދަތުރުކުރި 4 ވަނަ ގައުމަށެވެ. މިޝަރަފު މިހާތަނަށް އޮންނަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާގެ އަތުގައެވެ. އިންޑިއާއިން ބުނާ ގޮތުގައި ޗާންދްރަޔާން-2ގެ މިޝަންއަކީ މިހާރުވެސް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން އިންޑިއާގެ ޖައްވީ އިދާރާގެ ބަޖެޓަކީ، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ބަޖެޓުގެ 20 ބައިކުޅަ 1 ބައިކަން އިންޑިއާއިން ދަނީ ފަހްރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.