ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިވަޑައިގެންފިއެވެ.

ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި ގުޅިގެން، އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. ދީދީ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޖޭއެސްސީން ހުޅުވާލި ފުރުސަތު މިއަދަށް ވަނީ ހަމަވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސް ކޮށްގެންނެވެ.

ރައީސް ލަފާފުޅަކަށް އެދިވަޑައިގެންނެވި މަހާޒަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުމާ އެކު، އެ ކޯޓަށް ފުރަތަމަ އައްޔަން ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މަހާޒަކީ މިހާރު ފަނޑިޔާރުންގެ ޖަމްއިއްޔާގެ ސެކެޓްރީ ޖެނެރަލް އެވެ.

މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައީސް ލަފާފުޅަަކަށް އެދިވަޑައިގެންނެވި އިރު، ސުޕްރީމް ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް ބަދަލުކުރުމާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އައްޔަން ކުރެއްވީ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.