ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައި ދެއްވާފައެވެ. އަދި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމަށް މިއަދު ބާއްވާ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިލަދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ އަތޮޅު މަގޫދޫ ކައުންސިލާ ބައްދަލުކޮށްލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ބައްދަލުކޮށްލެއްވުން އޮންނާނީ މިލަދޫގައެވެ.

މިލަދުއަށްފަހު ރައީސްގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ނ. ކުޑަފަރިއަށެވެ. ކުޑަފަރީގައި އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ކުޑަފަރިއަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.