ހޮނޑައިދޫއިން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ، އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ހާމިދު އަބްދުލްޢަފޫރާއި، ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ އާއި އެއިރު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އާއި އަދިވެސް ބައެއް އެހެން މީހުން ހައްޔަރުކުރީ ސަންރައިސް ބަލަން ތިއްބާ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ އެރޭ ސިފައިންނާއި ފުލުހުން އެރަށަށް އަރާ އެމީހުން ހައްޔަރުކުރީ ކުށެއް ކޮށްގެން ނޫންކަމަށެވެ. ހޮނޑައިދޫން ޖާބިރު ހައްޔަރުކޮށް އެއް އަހަރު ދުވަހު ޖަލުހުކުމެއް އިއްވިއެވެ. ޖާބިރަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުޑަކަމުދާތަކެތި ދޭން ދެކޮޅު ހެއްދެވި މައްސަލައިގައެވެ.

ޖާބިރު ވިދާޅުވީ ހޮނޑައިދޫގައި އޭނާއާ ދައުލަތުގެ ބައެއް އިއްޒަތްތެރިން ހައްޔަރުކުރި ދުވަހު ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން ވަލު ދޮރާށިން ވަދެފައި އޮތްކަން ވަރަށް ސާފު ކަމަށެވެ. އަަދި އެދުވަހު ހީވި ކަނޑުން ބަޔަކު އަރައިގެން އައިހެން ކަމަށާ، އެބޫފުޅުން އޭނާގެ އެކި ބާވަތްތައް ޓެސްޓް ކުރަމުން ގެންދިޔަ ކަމާ، އެއީ ވަރަށް އުނދަގޫވި ކަމެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

"ދައުލަތުގެ އިއްޒަތްތެރިއެއްކަމަށްވާ ހުސައިން ޒަކީއާ އެއިރުގެ ރައީސްގެ ސްޕޯކްސް ޕާސަން އަދި އެހެން އިއްޒަތްތެރިން ވެސް އެތާނގައި ތިބި. އަޅުގަނޑުމެން ކުރިހާވެސް ކަމަކީ ސަންރައިސްވާ މަންޒަރު ބަލާލުން. އެއީ އިންސާނީ ކާރާމާތުގައި އޮންނަ ކަމެއް. އެކަމުގެ ސަބަބުން އަޅުގަނޑުމެން ގައިގައި ތަޅާ ސުންނާފަތިކުރީ،"
ޖާބިރު

ޖާބިރު ވިދާޅުވީ އޭނާ އުފާކުރައްވަނީ އެބޭފުޅުންނާ (އެއިރު އެޗްއާރުސީއެމްގެ މެންބަރުންނާ) އެކީގައި މަޖިލީހުގައި އިންނަވަން ޖެހިވަޑައިގަންނަވާތީ ކަމަށެވެ. އަދި ހިންނަވަރު ދާއިރާގެ މެންވަރު ޖީހާން މަހުމޫދު ގުރުބާންވެވަޑައިގެން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިއަދު ވެސް ސިފައިން ފެނުނަސް ބިރުގަންނަ ކަމަށެވެ. އަދި އެއީ ކަނޑުންނާ މަތިންނާ އެބޭފުޅުން ހޮނޑައިދޫއަށް އެރުމުން ކަމަށެވެ. ނަމަވެސް ސިފައިންނާ ފުލުހުންނަށް އޭނާ މައާފު ކޮށްދެއްވައިފި ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހޮނޑައިދޫން ހައްޔަރުކުރި ދައުލަތުގެ އިއްޒަތްތެރިން އެއިރު އުޅުއްވީ، އެއިރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅަކާއި، ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކާއި އެއިރު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން ބޭރުކުރައްވަން ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ހައްޔަރުކުރީ ހޮނޑައިދޫ ކިޔާ ރަށަކުން ކަމަށެވެ.

"އަޅުގަނޑު ބުރަކަށީގައި ރިއްސާ، އެވަގުތު އަޅުގަނޑަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީ ޕީޖީ ގްރޫއްޕުގެ ނައިބު ލީޑަރު. ތަޅާ ސުންނާފަތި އަރުވާލީ ކިހިނެއް. އިންސާނުން އެހާ ބާރަށް ތަޅާކަން އެނގުނީ އެދުވަހު. އަދި އަޅުގަނޑު ކުރިމަތީގައި ހުސައިން ޒަކީ ގައިގައި ތަޅާލީމަ އެ ތަދު މިއަދު ވެސް އެބަހުރި. ކުޑަކުދިން ގައިގައި ތަޅާ ކޮންކަހަލަ އަނިޔާވެރިކަމެއްތޯ ކުރީ،"
ޖާބިރު

ޖާބިރު ވިދާޅުވީ އެ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަން ނެތް ކަމަށެވެ. އަދި ފަހަތުންނާ ކުރިއަށް އަންނަ ތިބި މީހުންނަށް އެފަދަ މައްސަލައެއް ދިމާ ނުވާނެ ކަން މިއަދު ކަށަވަރުކުރަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެތާ ތިއްބާ އެތަނަށް ދިޔަބަޔަކު އެ އެއްޗެއް އެތަނަށް ގެންދިޔައީވެސް. އެއިރު ބަޢާވާތެއް ކޮށްގެން އުޅުނު ވަހީދު މިހާރު ކޮބައިތޯ. އޭނާ ހުރިތަނަކުން ގެނެސް އަޅުގަނޑުމެން ޖަލަށްލާނަން އިނގޭތޯ. މި މަޖިލީހަށް އަޅުގަނޑުމެން މިއައީ އޭނާ ޖަލަށްލާން. ދަމާ ކޫއްތާ އޭނާ ގެންގޮސް އަޅުގަނޑުމެން ޖަލަށް ލާނަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހިއުމަން ރައިޓްސްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ފުރިހަމައަށް ތާއިދު ކުރައްވާނެ ކަމަށެވެ. އަދި އެއްފަހަރު ނުވަތަ ދެފަހަރު ވެސް ޕްރޮސެކިއުޓް ކޮށްގެން އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި އިންސާނީ ކަރާމާތް ނަގަހައްޓާ އެކަން ގެރެންޓީ ކުރާނީ 19 ވަނަ މަޖިލީހުން ކަމަށް ޖާބިރު ވިދާޅުވިއެވެ.