އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ގުޅިގެން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައި އެއްބަސްވުން ރޫޅިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، އެ އެއްބަސްވުން ސަލާމަތްކޮށް ނެގެހެއްޓުމަށް އީރާނުން ވިލާތުގެ ބާރުތަކަށް މުހުލަތެއް ދީފިއެވެ.

2018 ވަނަ އަހަރު އެމެރިކާއިން މި އެއްބަސްވުން ދޫކޮށް، އީރާނާ ދެކޮޅަށް ހަރުކަށިފިޔަވަޅުތަކެއް ތަންފީޒުކުރުމާއެކު އީރާނުން ދަނީ މި އެގައުމުންވެސް މި އެއްބަސްވުން ދޫކޮށްލަންޖެހިދާނެ ކަމުގެ އިޝާރާތްތަކެއް ކުރަމުންނެވެ. ނަމަވެސް އެންމެ ވަރުގަދަ އިންޒާރެއް ދީފައި މިވަނީ އަދިކިރިޔާއެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ކުރިން، މި އެއްބަސްވުން ސަލާމަތް ނުކޮށްފިނަމަ އީރާނުން މި އެއްބަސްވުމަށް ދެމުންދިޔަ އެއްބާރުލުން މުޅިން ހުއްޓާލާނެ ކަމަށް އީރާނުން ވަނީ އިންޒާރުކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް، އޭގެ މަނާއަކީ މަޝްވަރާތަކަށް އީރާނުން މަރުހަބާ ނުކިއާނެ ވާހަކަ ނޫންކަމަށްވެސް އީރާނުންވަނީ ބުނެފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، އީރާނުން އެއްބަސްވުމާ ދުރަށްޖެހޭނެ އިންތައް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމަކީ ސުލްހައިގެ މަޝްވަރާތައް ނިމުން ނޫންކަމަށްވެސް ޒަރީފު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ފިއްތުންތަކާއެކު އީރާނުގެ އިގުތިސޯދު ހީނަރުވެ، އެގައުމު މާލީ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. މިއާއެކު އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސް، އާންމު ރައްޔިތުންގެ ހިތްތަކުގައި ވަނީ ސަރުކާރާ މެދު ނުތަނަވަސްކަން އުފެދިފައެވެ. މިއީ އެމެރިކާގެ މަގުސަދު ކަމަށާ، އެމެރިކާގެ ބޭނުމަކީ އީރާނުގެ ލީޑާޝިޕް ބަދަލުކޮށްލުން ކަމަށް އީރާނުގެ އިސްވެރިން ދަނީ ތުހުމަތުކުރަމުންނެވެ.