ހަނދުގައި ސޮފްޓް ލޭންޑިންގްއެއް ހަދާ 4 ވަނަ ގައުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ފަށާފައިވާ މިޝަން "ޗާންދްރަޔާން-2" ގެ ޖައްވީ އުޅަނދު، ހަނދުގެ ދެކުނު ތަނޑިއާއި ދާދި ކައިރީގައި ޖެއްސުމަށް ކުޑަ ވަގުތުކޮޅަކަށްވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި ޖައްވީ އުޅަނދު ހަނދުގައި ޖެއްސުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ފުރިހަމަކޮށް ނިންމާފައެވެ. އަދި މި ހުރިހާ މަރުހަލާއެއްވެސް ފުރިހަމަކޮށްފައިވަނީ ކަނޑައަޅާފައިވާ މިސްރާބާ ސުންގަޑިއަށް ކަމަށް އިންޑިއާއިން ބުނެއެވެ.

ގައުމަކުން ހަނދުގެ ދެކުނު ތަނޑިއަށް ކުރާ ފުރަތަމަ ދަތުރުގައި ހަރަކާތްތެރިވާ އިންޑިއާގެ ޖައްވީ އުޅަނދު، ހަނދުގައި ޖައްސާނެކަމަށް ލަފާކުރެވެނީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހުއެވެ. ޖައްވީ އުޅަނދު ހަނދުގައި ޖައްސާނެ ވަގުތެއް ކަމަށް ބެލެވެނީ މެންދަމުން އަލިވެ 01:40 އާއި 01:55 އާއި ދެމެދު ވަގުތެއްގައި ކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއިން ހަނދަށް ކުރާ ފުރަތަމަ ދަތުރުގެ މިޝަން ކޮންޓްރޯލް ކުރަމުންދަނީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައި.އެސް.އާރް.އޯ)އިންނެވެ.

މީގެ ކުރިން ހަނދުގައި ސޮފްޓްލޭންޑިންގްއެއް ހަދާފައިވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާއިންނެވެ.