ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތައް ހުއްޓުވުމަށް މި ސަރަހައްދުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރަހައްދީ ފެންވަރެއްގައި މިފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” ފަދަ މި ސަރަހައްދުގެ ގައުމުތައް ބައިވެރިވާ ސަރަހައްދީ ޖަމާއަތެއް މުހިންމު ކަމަށެވެ. އެގޮތުން “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން”ގައި ރާއްޖެ ބައިވެރިވުމަށް މިދިޔަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި އެޖަމާއަތުގެ މިނިސްޓަރުންގެ ކައުންސިލުގެ 18 ވަނަ ބައްދަލުވުމުން ނިންމާފައި ވާކަން ފާހަގަކުރައްވައި އެޖަމާއަތާ ގުޅިގެން ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން ވެސް ތައްޔާރަށް އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަކީ 21 ވަނަ ގަރުނުގައި ވަރަށް އާންމުވެފައިވާ ނުރައްކާތަކެއްކަން ފާހަގަކުރައްވައި ދާދިފަހުން އަވަށްޓެރި ލަންކާއަށް ދިން ޓެރަރިސްޓު ހަމަލާ މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވިއެވެ. މިފަދަ ނުރައްކާތަކުން މިންޖުވުމުގެ ގޮތުން ސަރަހައްދީ ގައުމުތަކުން އެއްގައުމު އަނެއް ގައުމަށް މައުލޫމާތު ހިއްސާކޮށް މިފަދަ ނުރައްކާތައް ނެތިކޮށްލުމަށް މަސައްކަތް ކުރަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ގައުމުތަކުން ބައިވެރިވާ މި ކޮންފަރެންސް މިއަދާއި މާދަމާ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މި ކޮންފަރެންސްފައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.