ސައިރިކްސް ކޮލެޖުގެ ރެކްޓާ އަކަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް މިއަދު އައްޔަން ކޮށްފިއެވެ.

ޑރ. ފަވާޒު އެ ކޮލެޖުގެ ރެކްޓާއަކަށް އައްޔަން ކުރުމަށް ސައިރިކްސް ކޮލެޖުގެ ކައުންސިލުންވެސް ވަނީ ނިންމާފައެވެ.

ޑރ. ފަވާޒާއި ގުޅޭގޮތުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފު މީގެކުރިން ވިދާޅުވެފައި ވަނީ ޑރ. ފަވާޒަކީ ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. ފަވާޒަކީ މިހާރުވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ގައުމީ ޔުނިވާސިޓީ ކުރިއެރުވުމުގައި ޑރ. ފަވާޒުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ރާއްޖޭގެ މަތީ ތައުލީމު ކުރިއެރުވުމުގައި ފަވާޒު ދެމި ހުންނެވުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު ކަމުން ޑރ. ފަވާޒު ވަކި ކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް އައްޔަން ކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.