އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، މައްސަލައިގެ ތަހުގީގު ރިޕޯޓުން ފުލުހުންގެ އިހުމާލެއް ނުވަތަ ޖިނާއީ ކުށެއް އެކަމުގައި އޮތްނަމަ، އެފަރާތަކާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިޟްވާން ގެއްލުވާލި މައްސަލާގައި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކުރި މައުލޫމާތުގެ ތެރޭގައި ދެ ފުލުހަކާއި ގުޅޭ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ފަރާތްތަކުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އިތުރަށް ތަހުގީގު ކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އުފެއްދުމާއެކު އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުވާލި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ގަރީނާ އަދި މައުލޫމާތު ފުލުހުން ވާނީ މަރުގެ އެކޮމިޝަނާއި ހިއްސާކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހޯދަން ބޭނުންވާ މައުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން ފުލުހުން ފޯރުކޮށްދެމުން ދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންކަމުގެތެރެއިން ފުލުހުން އިތުރަށް ތަހުގީގު ކުރަންވީ ކަންކަމާއި ގުޅޭގޮތުން މިއަދު ފުލުހުން ވަނީ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިއަށް އޮތްތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ރިޟްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން އޭނާގެ އާއިލާއާއި އެކުވެރީން ކުރަމުންދާ ހިތާމައިގައި ބައިވެރި ވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.