އިއްޔެ އެންމެ ވައިގައި ހިފާލި އެއް ވާހަކައަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ދެއްކެވި ވަޒީފާއާ ގުޅޭ ވާހަކަފުޅެވެ. އެ ކޮންގްރެސްގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާތަކުގައި ޕެޕަސްޕްރޭ ޖެހުނު އެންމެނަށް ދޭނެ ވަޒީފާއެއް ނެތްކަމަށެވެ. އަދި ވަޒީފާއެއް ހޯދުމަކީ އެމީހާގެ އަމިއްލަ ކަމެއް ކަމަށެވެ.
މިއާއެކު ރައީސް ނަޝީދާ އިއެމްޑީޕީއަށް، އެ ޕާޓީގެ އާންމު ގިނަ މެންބަރުން އަންނަނީ ފާޑު ކިޔަމުންނެވެ. ޖަޒުބާތުގައި ޖެހިވަޑައިގެން ނަމަވެސް، ރައީސް ނަޝީދު ވިދާޅުވި ބަސްފުޅު އެމަނިކުފާނަށް ރައްދުވީ 'ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރުނޭ' ބުނެ އުޅޭ އުސޫލުންނެވެ.
މިވީ 24 ގަޑި އިރުގެ ތެރޭގައި މުޅި ސޯޝަލް މީޑިއާ ބަންޑުން ވަމުން ދަނީ ރައީސް ނަޝީދަށް ފޮނުވާ ރައްދުގެ މެސެޖް ތަކުންނެވެ. ގިނަ މީހުން ބުނެފައި ވަނީ "ޕެޕާސްޕްރޭ ޖެހެން ރައްޔިތުން ނުކުތީ ރައީސް ނަޝީދު ލަންޑަންގައި ހުންނެވީމައި ސަލާމަތް ކުރުމަށެވެ. ވަޒީފާ ހޯދަން ނޫން ކަމަށެވެ. އޮޅިވަޑައިނުގަންނަވާ" ށެވެ.
އެމްޑީޕީގެ އާންމު މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. "ޕެޕަސްޕްރޭ، ކީއްކުރަން ދުވަހަކު މުޒާހަރާ އަކަށް ނުނުކުންނަ މީހުންނަށް ރައީސް އިބްރާހިމް މުހަައްމަދު ސޯލިހުގެ ސަރުކާރުން ވަޒީފާއާއި ޕްރޮޖެކްޓްތައް ބަހަމުން ދަނީ؟ ކާކަށް ބާ ސަރުކާރުން މި ގަންނަ ގަނޑު ނޭނގިގެން އުޅެނީ؟"
އެހެން މީހަކު ކުރި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކައިގެ ކުށުގެ އިސްލާހެއް ވާކަމަށް ބުނެފައެވެ. އެގޮތުން އެމްޑީޕީ މެންބަރުންގެ ތެރެއިން ޕެޕަސްޕްރޭގައި ޖެހި ޖަލަށް ގޮސް އަނިޔާ ލިބުނު އެންމެނެއް ވަޒީފާ ބޭނުން ވެގެން ނޫޅޭކަމަށް ބުނެފައި ވެއެވެ.
"އަޅުގަނޑުގެ ނަޒަރުގައި ވެސް އެމްޑީޕީ އެންމެނަށް، ޕެޕަސްޕްރޭ ޖެހުނު އެންމެނަށް ސަރުކާރުން ވަޒީފާ ދޭކަށް ނުޖެހޭނެ، އެކަމަކު އެމްޑީޕީ މެންބަރުންނާ އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ދިނުމުގައި ތަފާތު ކޮށްގެން ވެސް ނުވާނެ. ސިވިލްސާވިސް ވަޒީފާތަކުގައި އެ ތަފާތުކުރުން އެބަ ގެންގުޅޭ. އެއީ މައްސަލައަކީ،" އެހެން މީހަކު ބުންޏެވެ.
އެމްޑީޕީ ޔޫތް ކޮންގްރެސްގައި ރައީސް ނަޝީދު ވިދާޅުވީ އެކި މުޒާހަރާތަކުގައި އަދި ސަރުކާރު ގެނައުމަށް މަސައްކަތް ކުރި އިރު، ޕެޕަސްޕްރޭގައި ޖެހުނު އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއަށް މަސައްކަތް ކުރި މީހުންނަށް ވަޒީފާ ނުލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އާ އެކިއެކި ޕްލެޓްފޯމް ތަކުގައި ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ. ނަޝީދުގެ ޖަވާބަކަށްވީ ސަރުކާރުން ވަޒީފާ ދީގެން އެންމެން ނުގެންގުޅެވޭނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުން އަންނަނީ ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން އެއްފަރާތް ކޮށްފައި މިދިޔަ ސަރުކާރު ހިމާޔަތް ކުރަން ތިބި މީހުންނާ، ޕީޕީއެމްގެ ކެމްޕޭން ތަކުގައި ބައިވެރިވި ބައެއް މީހުންނަށް ބޮޑެތި މަގާމު ދޭތީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން، މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ކެމްޕޭންގައި އިސްކޮށް އުޅުއްވި ގދ. ތިނަދޫ ކަލްމުނާ، ހުސައިން ޝަރީފަށް އިސްލާމިކް މިނިސްޓަރުގެ ނައިބުކަން ދެއްވި މައްސަލަ ވަރަށް ހޫނުވިއެވެ. އަދި މިއީ އެމްޑީޕީ ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގެ އަގު ވަޒަންކުރާ ގޮތްތޯ ސުވާލު އުފައްދާ، މިއީ ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެނައުމަށް ޕާޓީގެ އާންމު މެންބަރުން ކުރި މަސައްކަތަށް މަލާމާތް ކުރުން ކަމުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި މައްސަލަ ފާހަގަކޮށް އެމްޑީޕީގެ ސޯޝަލް މީޑިއާގައި އެކްޓިވިސްޓެއް ކަމަށް ވާ މުޖޫ ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ޔާމީން ހޮވަން މަރުދިން މީހުންނަށް ސިޔާސީ މަގާމު ބަހާފަ، ޕެޕަސްޕްރޭ އޭ ކިޔާ އަހަރުން ހާރުވަން ނޫޅޭ. އެ ދިލަ އަދި ނުފިލާ" ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އާދިލް ސަލީމް ވެސް ވަނީ ނަޝީދުގެ ބަސްފުޅަށް ފާޑުވިދާޅު ވެފައެވެ. އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އިންސާފަށް ލޯބިކުރާތީ ގެއަށް ގެނައި ފައިސާ ހަލާލުތޯ އަނބިމީހާ އަހާތީ، ވައްކަމަށް ނޫނެކޭ ބުނާތީ، އެމްޑީޕީއަށް ސަޕޯޓް ކުރާތީ ތަފާތު ކޮށް ދިގު ހަތް އަހަރު ހުރިހާ ފުރުސަތަކުން މަހުރޫމު ކުރުމުން ވެސް ހިތްވަރުލައިފައި ބަދަލަށް މަސައްކަތް ކުރި މީހުން ބާކީ ކުރުމަކީ އަރާ އިން އޮފި ކަނޑާލުން ކަމަށެވެ. އަދި އެ ވާހަގަ 'ގެޓް ވުމަށް' ވެސް އޭނާގެ ޓްވީޓުގައި ވަނީ ގޮވާލައިފައެވެ.
ނަޝީދުގެ ވާހަކަފުޅާ މެދު ހިތްހަމަ ނުޖެހިގެން ގިނަ ބަޔަކު އެކަން ސޯޝަލް މިޑިއާގައި ބަންޑުން ކުރަމުން އަންނަ އިރު، އެއީ ރައީސް ސޯލިހުގެ ވެރިކަން ހިމާޔަތް ކުރުމަށް ކުރެވޭ ކަމެއް ކަމުގައި ވެސް ދަނީ ބުނަމުންނެވެ. އަދި "އެއިރުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ، އަޅުގަނޑުމެން ބިރު ފަހަނައަޅާ ދާންވީ. މިހާރު، ކަލޭމެން އެންމެންނަކަށް ވަޒީފާއެއް ނެތް، ވަޒީފާ އޮތީ އިބޫ ސޯލިހުގެ ކޯލިޝަންގެ ސަރުކާރު ދިފާއު ވާގޮތަށް ކަމަށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.
ނަޝީދުގެ ވާހަކަފުޅާ ދެކޮޅު ހަދާ ގިނަ މީހުން ބުނެފައިވަނީ މަގުމައްޗަށް ނުކުމެ ލޮލަށް ޕެޕަސުޕްރޭ ޖެހިގެން އައީ މި ސަރުކާރުން ވަޒީފާ ހޯދުމަށް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރީ ނަޝީދު ބަންދެއްގައި ހުންނެވުމުން އެ ބަންދުން ފިލުވާ މިނިވަން ކުރުމަށް ކަމަށެވެ.
އެމްޑީޕީގެ އާންމު އެހެން މެންބަރަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީގެ ކެމްޕޭން ޓީމުގައި މުޅިން ވެސް ތިބޭނީ ގަޔަށް ޕެޕަސުޕްރޭ ނުޖަހާ މީހުން ކަމަށެެވެ. އަދި އެފަދަ ބައިވަރު މީހުން ސަރުކާރުގައި އެބަތިބި ކަމަށާ، ޕެޕަސްޕްރޭ ޖެހުނު ކުދިން ތިބޭނީ މިފަހަރު ގޭގައި ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، ބައެއް އިސް ފަރާތްތަކުން ދަނީ ރައީސް ނަޝީދުގެ ވާހަކަފުޅު އޮޅޭގޮތަށް މާނަ ކުރަމުންދާ ކަމަށާ، އެފަދަ ވާހަކައެއް ރައީސް ނަޝީދު ސީދާ ނުދައްކަވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަމުންނެވެ.
އެމްޑީޕީގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވި އެއްޗެއް، ސާފުކޮށް އަޑު އެހުން މުހިންމު ކަމަށެވެ. އަދި ފިތުނައަށް ޖާގަ ނުދީ ރައީސް ނަޝީދު ރައްޔިތުން ހިތުގައި ޖެހޭ ފަދަ ބަހެއް އަދި އަމަލެއް ވެސް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.
އެމްޑީޕީ ޒުވާނުންގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރު ވަޒީފާތަކުގައި މިހާރުވެސް ތިބީ ކުރީގެ ސަރުކާރުގައި ވެސް ވަޒީފާތަކުގައި ތިބި މީހުން ކަމަށާ، އެ މީހުން ވަޒީފާތަކުން ވަކިކޮށް، އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ނުދީގެން އެފަރާތްތަކުން ޝަކުވާ ކުރާކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ އިންސާފުވެރި ކަމާއެކު ކަންކަން ކުރުމަށް ކަމަށާ، ވަޒީފާގައި ހުރި މީހަކު 'ނަގައި އެއްލާ ނުލެވޭނެ' ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ވަޒީފާ ނުދޭކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ޝަކުވާ ކުރުމަކީ ލަދުވެތިކަމެއް ކަމަށާ އެމީހުންނަށް ވެސް ގޮތެއް އޮންނަން ޖެހޭކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ކަމެއްގެ ތެރެއަށް ނުކުމެ ކަމެއް ހޯދުމަކީ އެމީހާގެ އަމިއްލަ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ހުރިހާ ބޭފުޅުންނަށް ސަރުކާރުން ވަޒީފާ ދީގެން މި ރާއްޖެ ފުލް އެމްޕްލޯއިމަންޓަށް ނުގެންދެވޭނެ ކަމަށާ، އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
ތިގޮތަށް ނުކުތްމީހުންނަށް އެންމެ ރަގަޅު .އެންމެން އެހެނެއް ނޫން. ޢިބުރަތެއް ހާސިލްވާނެކަމަށް ހީކުރަން. ދެފަރާތަށްވެސް! ޢަމިއްލަ ޖާނާ މާލުން ޤުރުބާން ވެ ބާކީ ޖަލުގޮޅިއަށް ރުހިގެން ތިބޭން ވެސް މީހަކު ރުހުނީވެސް ތޯއްޗެ!؟