ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުގައި ދިރިއުޅެމުންދާ ހަނގުރާމަވެރި އަލް-ގައިދާ ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާ ދީފައިވާނެކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އެމެރިކާ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑް (ސެންޓްކޮމް)އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް ދަށުގައި އޮތް އިދްލީބް ޕްރޮވިންސްއަށް ހަމަލާ ދީފައިވަނީ، އެމެރިކާގެ ރައްޔިތުންނާ، އެމެރިކާގެ ބައިވެރިންގެ އިތުރުން މައުސޫމު މަދަނީ ފަރުދުންނަށް ނުރައްކަލަކަށްވެފައިވާ އަލްގައިދާގެ ލީޑަރުންނަށް އަމާޒުކޮށްކަމަށެވެ.

އިދްލީބްގައި އޮތް އަލްގައިދާގެ ބޭސް ނައްތާލެވުމަކީ، ކުރިއަށް އޮތް ތަނުގައި އިތުރު ހަމަލާތަކެއް ދީ، ސަރަހައްދީ ހަމަޖެހުން ނަގާލުމުގެ ފުރުސަތު ކުޑަކުރާނެ ކަމެއް ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އިދްލީބަށް ހަމަލާދީފައިވަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ބޭނުންކޮށްގެން ކަމެއް އެމެރިކާގެ އަސްކަރިއްޔާއިން ތަފްސީލުކޮށްދީފައެއް ނުވެއެވެ.

ސޫރިޔާގެ ހަނގުރާމަ މޮނިޓާ ކުރަމުންދާ ފަރާތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިސައިލް ހަމަލާއެއްގައި، ހަނގުރާމަވެރިންގެ 40 އަކަށް މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނީ، ހަމަލާ އަމާޒުވެފައިވަނީ ހުއްރާސް އަލް ދީންއާއި، އަންސޯރު އަލް ތައުހީދްއާއި އެޖަމާއަތްތަކާ ގުޅިފައިވާ ގުރޫޕުތަކުން ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށް ކަމަށާ، އެ ބައްދަލުވުން ކުރިއަށްދިޔައީ ހަނގުރާމަވެރިން ތަމްރީނު ކުރާ މަރުކަޒެއްގައި ކަމަށެވެ. ބެލެވޭ ގޮތުގައި މިމަރުކަޒަކީ އަލްގައިދާގެ ހަނގުރާމަވެރިންނާ ގުޅުން އޮންނަ މަރުކަޒެކެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިދްލީބްގެ ބޮޑު ކޮންޓްރޯލެއް އޮތީ ހަޔާތު ތަހްރީރު އަލް ޝާމްގެ ބާރުގެ ދަށުގައެވެ. ކުރިން މި ޖަމާއަތުން ހަރަކާތްޔެރިވެފައިވަނީ، އަލްގައިދާގެ ސޫރިޔާ ޕާޓްނަރުގެ ގޮތުގައެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސްގެ ހަނގުރާމަވެރިންގެ ބާރު ސޫރިޔާއިން ކަނޑުވާލެވިފައިވާކަމަށް އެމެރިކާއިން ބުނި ނަމަވެސް، ސޫރިޔާގެ ހަނގުރާމައަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ.