މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވި، ތަރުތީބު ކުރެވިފައި ހުންނާނީ އިޖްތިމާއީ ބޭއިންސާފުގެ ޝިކާރައަކަށް ވެފައިވާ ކުދިންނަށް އިންސާފު ހޯދައިދީ، ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުމުގެ އަމާޒަށް ވާސިލްވުމަށް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދު ވެސް ޒުވާނުންނަށް ފުރުސަތުދީ، ފުރުސަތު ހޯދައިދީ ޒުވާނުންގެ އަޑުއަހާ ޕާޓީއެއް ކަމުގައެވެ. އެ ޕާޓީގެ ކުރީ ސަފުގައި އަބަދުވެސް ޒުވާނުން ނަގާކިޔަން ތިބުމުގެ އަސްލަކީ ޕާޓީން ޒުވާނުންނަށް ދޭ އިސްކަމާ މުހިންމު ކަމުގެ އަލިގަދަ ދަލީލެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމުގައި ވާއިރު ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައް ކަމަށާއި، ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަކަމުގައި ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތެރޭގާ ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައިވާ ފަރާތްތަކުގެ އަދަދު ނިސްބަތުން ފިރިހެނުންނަށްވުރެ އިތުރު ކަމަށެވެ. އަދި މިކަން ރަނގަޅު ކުރަންޖެހޭ ކަމަަށާއި، ޒުވާނުން ވަޒީފާގެ ބާޒާރަށް އެބަ ނުކުންނަށްޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނުކުތުމަށް މަގުތައް ކޮށާދޭންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގެ ނޭދެވޭ އަސަރުކުރާ އެއް ބަޔަކީ ޒުވާނުން ކަމަށެވެ. މިގޮތުން، ތޮއްޖެހިފައިވާ މާހައުލެއްގައި، ބޮޑެތިވުމުގެ ސަބަބުން ނޭދެވޭ ކަންކަމުގެ ޝިކާރައަށްވެ، ކުށްކުރުމާއި، ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގެންނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި މިކަން ހައްލު ކުރެވޭނީ އުމުރުދުވަހަށް ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ޖަލުތަކަކީ ރިހެބިލިޓޭޓް ކުރެވޭނެ ތަންތަނަށް ހަދައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަކީ ގައުމުގައި އޮތް ހަމަޖެހުމާއި ޑިމޮކްރެސީގެ ރީތި ސިފަތައް ދަމަހައްޓާ ހައްގު ބަސް ބުނެ އިންސާފާ ހަމަހަމަކަމަށް މަސައްކަތް ކުރާ ބަޔަކަށް ވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.