އދ. މާމިގިލިން މަސްތުވާތަކެއްޗާއެކު ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކުރަން ފުލުހުން ހިންގި އޮޕަރޭޝަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

"އެމްޑީޕީ ޒުވާނުންގެ ކޮންގްރެސް 2019" ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އަތުލައިގަނެވުނު ޖޫސްޕެޓީ 2 ޕެކްޓްގައި ހުރިކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި އަތުލައިގަތުމަށް ޓެކްސް ފައިސާއިން ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މާމިގިލިން މަލް ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ މައްސަލާގައި މަލްއާއެކު އިތުރު އަންހެނަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި އެ ދެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.

"އަޅުގަނޑު ދާދި އިހައްދުވަހުކު ކީން ނޫހުން، މަހިބަދޫ ފުލުހުންނާ، މާމިގިލި ފުލުސް ސްޓޭޝަންގެ ބޮޑު އޮޕަރޭޝަނަކުން ޒުވާނަކު ހައްޔަރުކޮށްފި. މަހިބަދޫއަށް ދިޔަ ފިލްމުސްޓާރެއް. އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުރެވޭ ދެ ޕެކެޓް (ޖޫސްޕެޓީ 2 ޕެކެޓް) އަތުކައިގަނެވުނުކަމަށް. އަޅުގަނޑަށް ޔަގީން ކަށަވަރު އަޅުގަނޑުމެންގެ ޓެކްސް ފައިސާގެ ރަނގަޅު ހައެއްކަ ލައްކަ ރުފިޔާ މި ޖޫސްޕެޓީ ޕެކެޓަށް ދުއްވާލާފައި އޮންނާނެ"
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

މި އޮޕަރޭޝަނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ "މަހިބަދޫ ޕޮލިސް ސްޓޭޝަނުންނާ އެވަރުން ނުވެގެން ކައިރީގައި އޮތް މާމިގިލީ ޕޮލިސް ސްޓޭޝަނާ ދެތަނުން ހިންގި މާބޮޑު އޮޕަރޭޝަނެއް!" ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޒުވާނުންނަށް ދިމާވެފައި ހުރި މައްސަލަތައް ކުޑައެއް ނޫން ކަމަށާއި، އެކުދިން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތުތައް އަދި މުއައްސަސާތަކުގެ ސިޔާސަތު ވެސް ގެންގުޅެންވީ ގޮތެއް ވެސް ހަގީގަތުގައި އޮޅިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ޒުވާނުންނާ ދިމާކުރަންވީ ނޫން ކަމަށާއި، އެ ޒުވާނުން ކުރާނެ މަސައްކަތްތަކެއް އުފައްދާފައި ވޭތޯ ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގަމުން ގެންދަނީ ވެސް އަދި އެ މަސައްކަތް ކާމިޔާބުކުރާނީ ވެސް ޒުވާނުންނަށް ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ.