އިއްޔެ ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލުމުގެ ސަބަބުން 5 މީހުން ނިޔާވެ، މުޅި ގައުމަށް ވަނީ ސިހުން ލިބިފައެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ލޯންޗުގައި ދަތުރުކުރި، އުމުރުން 29 އަހަރުގެ އައިޝަތު ޝެހެނާޒުގެ ފިރިމީހާ މުހައްމަދު ހުސެއިން (މޯޑު) ބުނީ، އެ ހާދިސާގައި ލޯންޗު ބަންޑުން ޖަހާލީ ކޮޅިގަނޑަކުން ސަލާމަތް ވުމަށް، ހަނިމާދޫގެ ދެކުނު ފަރާތަށް ލޯންޗު ކައިރި ކުރަން އުޅެނިކޮށް ނެގި ރާޅަކާ އެކު ކަމަށެވެ.

މޯޑު ބުނީ، ޝެހެނާޒުގެ ފަރާތުން ސާފު ވެފައިވާ ގޮތުގައި، ހާދިސާ އަށް ފަހު، ސަލާމަތް ވުމަށް ލޯންޗުގެ އިންޖީނާ ވީ ފަޅީގައި 3 މީހަކު ލޯންޗުގައި ހިފަހައްޓައިގެން ތިބީ ކަމަށެވެ. ލޯންޗުގައި ހިފަހައްޓައިގެން ތިބި މީހުންގެ ތެރޭގައި ޝެހެނާޒު ހިމެނޭ އިރު، ދެން ތިބި ދެމީހުންނަކީ އެ ލޯންޗުން ދަތުރުކުރި، ނޮޅިވަރަމްފަރު ސްކޫލުގެ ޓީޗަރެއް ކަމުގައިވާ އާސިމާ އަދި، ހަމަ އެ ސްކޫލުގެ ޓީޗަރު އަބްދުއްޝުކޫރު ކަމަށް ބެލެވެއެވެ.

ލޯންޗުގައި ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް އެމްއެންޑީއެފުން އެ ސަރަހައްދަށް ދިޔައިރު، ލޯންޗުގައި ހިފަހައްޓައިގެން ތިބި މީހުން ތިބީ ރަށާ ވަރަށް ކައިރީގައި ކަމަށް މޯޑު ބުނެއެވެ. ބެލެވޭ ގޮތުގައި ލޯންޗު އޮޔާ އެކު ރަށާ ކައިރިއަށް ދިޔައީއެވެ.

ލޯންޗު ބަންޑުން ޖަހާލުމުގެ ސަބަބުން 5 މީހުން މަރުވެ 5 މީހުންނަށް ހަނިމާދޫ ހޮސްޕިޓަލުން ފަރުވާދެމުން ދަނީ / ހޮސްޕިޓަލް ކައިރިއަށް މީހުން އެއްވެފައި / ފޮޓޯ: އެފްބީ

10 މީހުން ދަތުރުކުރި މި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު ނިޔާވެފައި ވާއިރު، ސަލާމަތްވި 5 މީހުންގެ ތެރޭގައި ލޯންޗުގެ ކައްޕި އަދި ފަޅުވެރިއެއް ހިމެނެއެވެ. މި ހާދިސާގައި އެއް އާއިލާއެއްގެ ހަތަރު މީހުން ނިޔާވެފައި ވާއިރު، ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ އާސިމާ އަކީ ނިޔާވި ހުސެއިންބެގެ ދެބެންގެ ދެދަރި މީހެކެވެ.

ލޯންޗު ބަންޑުން ޖަހާލުމުން ދެންވީ ގޮތް 'ދަ ޕްރެސް' އާ ހިއްސާ ކުރި ޝެހެނާޒު އެ ލޯންޗުން ދަތުރު ކުރީ، މާލެ ދިއުމަށެވެ. ޝެހެނާޒު މާލެ ދިއުމަށް ދަތުރު ފަށާފައި ވަނީ އޭނާ ބްލޮކް މޯޑަށް ކިޔަވަމުން ދާތީ ކްލާހަށް ދިއުމަށެވެ. ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޝެހެނާޒު މިހާރު ކިޔަވަމުން ދަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަޖުރިބާ ހޯދުމަށެވެ.

މި ހާދިސާއަށް ފަހު ޝެހެނާޒު މިހާރު ހުރީ އޭނާގެ ފިރިމީހާއާ އެކު ދެ ކުދިން ކައިރީ، ނޮޅިވަރަމްފަރުގައެވެ. އިއްޔެ މާލެ ދިއުމަށް ޝެހެނާޒު ދަތުރު ފެށީ އޭނާގެ ދެ ކުދިން ނޮޅިވަރަމްފަރުގައި އިންނަ އެ ކުދިންގެ މާމައާ ހަވާލު ކުރުމަށް ފަހުއެވެ.

ދަތުރަށް ފުރި އިރު މޫސުން ގޯހެއް ވެސް ނޫން، ރަނގަޅެއް ވެސް ނޫން

ރަށުގެ ދެކުނު ފަރާތުގައި އޮންނަ އާންމުކޮށް ހުޅަނގު މޫސުމުގައި ބޭނުން ނުކުރާ ކަނޑިންމަ އިން ރަށުގެ ފަޅު ތެރެއަށް ވަންނަން ކައްޕި ނިންމީ، ކޮޅިގަނޑަކުން ސަލާމަތް ވުމަށެވެ. އިއްޔެ ލޯންޗު ބަންޑުން ޖަހާލި ގަޑީގައި، މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ. ނަމަވެސް، ދުވާލު ގަޑީގައި ދަތުރު ނުކުރޭ ވަރަށް ވުރެ ކަނޑު ގަދަ ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާ

ފުދޭ ވަރަކަށް ވިއްސާރަކޮށް އޮތް ނަމަވެސް، އާދައިގެ ކަނޑު ގަދަ ދުވަހެއްގައި ލޯންޗުން ދަތުރުކޮށް އާދެވޭ ވަރުވެއެވެ. ލޯންޗު ބަންޑުން ޖަހާލީ ދަތުރުގެ މެދެއްހާ ހިސާބުންނެވެ. ނޮޅިވަރަންފަރުން ހަނިމާދުއަށް ކުރާ ދަތުރެއްގައި 10 މިނެޓު ހުންނަ އިރު، ނޮޅިވަރަމްފަރުން ހަނިމާދުއާ ދެމެދު ހުންނަނީ ފަސް މިނިޓުގެ ދުރުމިނެކެވެ. ލޯންޗު ގޮސް ހަނިމާދޫއާ އަރާ ހަމަވެ، އެރަށު ޖެޓީއާ ގާތް ނުވަނީސް ހަނިމާދުއާ ކައިރި ކުރަން ނިންމީ ވިއްސާރަ ކޮޅިގަނޑެއް ގާތްވާތީ، އެ ކޮޅިގަނޑުން ސަލާމަތް ނުވެ ހަނިމާދޫ ޖެޓީއާ ގާތް ނުވެވޭނެ ކަމަށް ލަފާ ކޮށެވެ. ލޯންޗު ބަންޑުން ޖަހާލި ރާޅާ އެކު އެ ސަރަހައްދުގެ ކަނޑުގަދަވެ، ރާޅުތައް ދިޔައީ ރުޅިވެރިކަމާއި އެކު ޖަހަމުންނެވެ.