އިއްޔެ ހދ. ނޮޅިވަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫ އަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލާ ކަނޑުވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އެންމެން ދޫކޮށްލައިފިއެވެ.

އިއްޔެގެ އެ ހާދިސާގައި ހަނިމާދޫ ހޮސްޕިޓަލުން 5 މީހަކަށް ފަރުވާދީފައި ވާއިރު، އޭގެ ތެރެއިން ދެ މީހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލާފައެވެ. މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ތިން މީހުންނެވެ.

އިއްޔެގެ ހާދިސާއާ ގުޅިގެން އެންމެ ހާލު ސީރިއަސްވި މީހަކީ ނޮޅިވަރަމްފަރު ސްކޫލުގެ މުދައްރިސު އަބްދުއްޝުކޫރު ހުސެއިން އެވެ. އޭނާ އަކީ އިއްޔެގެ ހާދިސާގައި ނިޔާވި އައިސްތު (އާންމު ނަން) ގެ ފިރި މީހާއެވެ. ޝުކޫރާއި އައިސްތު އިއްޔެ ދަތުރު ކުރީ އިންޑިއާއަށް ފުރަން ވެގެންނެވެ. އިއްޔެގެ އެ ހާދިސާއާގައި ޝުކޫރުވެސް ކަނޑުވިއެވެ.

އޭނާގެ އިތުރުން ދެން ހޮސްޕިޓަލުގައި ރޭ އޮތީ އާސިމާ އަދި ޝެހެނާޒެވެ. އާސިމާއަކީ އިއްޔެގެ ހާދިސާގައި ނިޔާވި ހުސެންބެ (ބޮޑު ޓީޗަރު) ގެ ދެބެންގެ ދެދަރި މީހެކެވެ. އޭނާގެ ހާލު މިވަގުތު ރަނގަޅުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.