އިއްޔެ ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރު ކުރަމުން ދަނިކޮށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

ނިޔާވި ފަސް މީހުންގެ ކަށުނަމާދު ރޭ ދަންވަރު 2:00 ގައި ހދ. ހަނިމާދޫ މަސްޖިދުލް މޫސާ އަލީގައި ބާއވާފައިވާއިރު، އެމީހުން ވަޅުލާފައިވަނީ ރޭ 2:30 ހާއިރެވެ. މި މީހުންގެ ޖަނާޒާގެ ކަންތައްތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

އިއްޔެ ނޮޅިވަރަންފަރުން ހަނިމާދޫ އަށް ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަނޑުން ޖަހާލީ، ހަނިމާދޫ ކަނޑިންމައިން އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅަކާ އެކުއެވެ. 10 މީހުންނާ އެކު މި ލޯންޗު ދަތުރު ކޮށްފައި ވާއިރު، ލޯންޗުން ދަތުރު ކުރި މީހުންގެ ތެރެއިން ޖުމްލަ ފަސް މީހުން ވަނީ ނިޔާވެފައެވެ. މި ހާދިސާގައި އެއް އާއިލާގެ ހަތަރު މެންބަރުން ނިޔާވެފައިވެއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހުގެ ޖަނާޒާ ބޭއްވުމަށް ހަނިމާދޫ ގަބުރުސްތާނު ތައްޔާރު ކުރަނީ

މި ހާދިސާގައި ނިޔާވެފައިވަނީ، ނޮޅިވަންފަރު ސްކޫލުގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކެ، އަދި އޭނާގެ ދަރިފުޅު ގުރައިޝާ އަބްދުﷲގެ އިތުރުން ގުރައިޝާގެ ދަރިފުޅު އީރާ ހަސަން ޝިފާޒާއި ނޮޅިވަރަންފަރު ސްކޫލުގެ މުދައްރިސު އަބްދުއްޝުކޫރު ހުސެއިންގެ އަންހެނުން އައިޝަތު އަލީ އެވެ.