ލީގަލް މަރްޖުއާނާ ހުއްދަ ކުރުވޭނެތޯ ޖާބިރު ސުވާލު އުފައްދަވައިފިއެވެ.
ބައެއް ގައުމުތަކުގައި ހުއްދަކޮށްގެން ބޭނުންކުރާ މަސްތުވާކަތެތީގެ ބާވަތެއްކަމަށްވާ މަރްޖުއާނާ ރާއްޖޭގައި ބޭނުންކުުރުމުގެ ހުއްދަކުރުމަށް ވިސްނުން ނުގެންގުޅުއްވަނީ ކީއްވެގެންތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ސުވާލުކުރައްވައިފިއެވެ.
ޖާބިރު، ހޯމް މިނިސްޓަރު އިމްރާނާ މިގޮތަށް ސުވާލު ކުރެއްވީ ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެކަމުގެ ސަބަބުން ޖަލަށްދާން ޖެހުމާއި ގުޅިގެންނެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގައި ވަރަށް ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށާ ލީގަލް މަރްޖުއާނާ ރާއްޖޭގައި ހުއްދަކުރުމަށް ނުވިސްނަނީ ކީއްވެގެންތޯއެވެ. އަދި އެއީ ދުނިޔޭގައި މެޑިކަލް ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ލީގަލްކުރުމުގެ މައްސަލައަކީ ރާއްޖޭގެ އެންމެން، ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ދީނުގައި ހަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.
މިއާއެކު ޖާބިރު ވަނީ މަޖިލީހުގައި އެކަމާ ދެކޮޅު ހައްދަވާ ނުރުހުންވެ ވަޑައިގެން އަޑުގަދަކުރައްވާފައެވެ. މީގެ ކުރިން ޖާބިރު ވަނީ ރާއްޖޭގައި ޖުވާ ކުޅޭނެ ތަން ހެދުމަށް ވެސް ވަކާލާތުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ކެސީނޯ ހެދުމުގެ ހުއްދަ ދިނުމަށް ގޮވާލާ ޖާބިރު މީގެ ކުރިން މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅިއެވެ.