މާލޭގެ މިސްކިތެއްގައި ނަމާދަށް ހުއްޓާ ވަގަށް ނެގި ފޯނެއް ވިއްކާލާފައި އޮއްވާ ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު މާލޭ މިސްކިތެއްގައި އަސުރު ނަމާދަށް ހުރި މީހެއްގެ ފޯނެއް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހަވީރު 4:47 ހާއިރު ކަމަށެވެ. މިސްކިތުން ވަގަށް ނަގާފައި ވަނީ އައިފޯން އެކްސްއާރް އެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރި މަސައްކަތުން، މި ފޯނު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ވަގަށް ނެގި ފޯނު އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށާއި، އެ ފޯނު ހޯދައި އަނބުރާ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފޯނު ވަގަށް ނެގި މީހާ އެ ފޯނު ވިއްކާލި ފަހުން މަަސްތުވާތަކެތީގެ މައްސަލައެއްގައި، އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މިސްކިތުން ވަގަށް ފޯނު ނަގައި ވިއްކާލި މައްސަައިގެ އިތުރަށް، މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުވެސް އޭނާގެ މައްޗަށް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ. މިފަދަ ކުށްތައް މަދުކުރެވޭނެހެން އާންމުންވެސް މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.