ނެތިދިއުމުގެ ބިރާ ކުރިމަތިވެފައިވާ ދުނިޔޭގެ އެންމެ ބޮޑު ފަރު ނުވަތަ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ ދިރުންތަކަށް އިތުރު މުއްސަނދިކަމެއް ގެނެސްދޭނެ ކަމަށް ބެލެވޭ، ގުދުރަތީ ގަލުގެ މާ ސިންގާ "ކަނދުފައްޗެއް"، ޕެސިފިކް ކަނޑުގެ ސަރަހައްދުން އޮސްޓްރޭލިއާއާ ދިމާލަށް ދަތުރު ކުރަމުން އެބަދެއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލަންޑް ޔުނިވާސިޓީ އޮފް ޓެކްނޮލިޖީ (ކިއު.ޔޫ.ޓީ)އިން ބުނާ ގޮތުގައި، އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ބޭރުވި ކާ ކޮޅުތަކުން އުފެދިފައިވާ މި ކަނދުފަތި، އިސްޓްރޭލިއާގެ އައްސޭރި ފަށާ ހިސާބަށް ފޯރާނީ މީގެ 8 މަސްދުވަސް ފަހުންނެވެ.

ކަނޑުގެ އެތައް ބިލިއަން ޒާތެއްގެ ދިރުންތައް، މި ކަންދުފައްޗާއެކު އޮސްޓްރޭލިއާއަށް ދަތުރު ކުރަމުން ދާނެ ކަމަށްވެސް އެ ޔުނިވާސިޓީއިން ބުނެއެވެ. ކިއު.ޔޫ.ޓީއިން ބުނާ ގޮތުގައި ގުދުރަތީ ގަލުގެ ކަނޑުފަތި ވަނީ 150 ކިލޯމީޓަރު ބޮޑު ސަރަހައްދަކަށް ފެތުރިފައެވެ.

ގުދުރަތީ ގަލުގެ ކަނޑުފަތި ފެނިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އޮސްޓްރޭލިއާއިން ފީޖީއަށް ކެޓަމަރާންއެއްގައި ދަތުރުކުރަމުން ދިޔަ މައިކަލް ހޯލްޓް އާއި ލެރީސާ ބްރިލްއެވެ. އެއީ އޯގަސްޓް މަހުގެ 15 ދުވަހުގެ ރޭގެ ވަގުތެކެވެ. އެދެމީހުން ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މި ކަނދުފަތީގައި އެކި ސައިޒުގެ ގާ އެބަހުއްޓެވެ. އޭގެ ތެރޭގައި ފަސް އޮށެއްގެ ވަރުގެ ގާ ކޮޅުކޮޅުން ފެށިގެން ގޮސް، ބާސްކެޓްބޯޅައެއްހާ ބޮޑެތި ގާބުރިތައްވެސް ހުރިކަމަށް މި ޕޯސްޓްގައި ބުނެފައިވެއެވެ.