ރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފިއެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަަނަ މާއްދާގައި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އަދި ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާގައިވާ ގޮތުން ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމުގައިވާ މާލިކީ، ޝާފިއީ، ހަމްބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާ ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝިޔައީންގެ އަލް އިމާމިއްޔާއިންނާ ޝިޔައީންގެ ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާއީންނާ ރައުޔާ ހިލާފަށް، އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުުރުމަކީ ހަރާމް ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެނެއް އައްޔަން ކުރުމަކީ އިސްލާމްދީނުގެ އަސްލުތަކާ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށް ވާ އިރު، އަންހެނުންނަށް ފަނޑިޔާރުކަން ހަވާލުކުރި މީހާއާ ހަވާލުކުރެވޭ މީހާ ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށެވެ.

އަދި މި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އެއީ ދީނާ ހިލާފު ކަމެއް ކަމަކަށް ވިދާޅުވަމުން ދާ ދަނޑިވަޅެއްގައި، ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓަށް ދެ އަންހެނުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ލަފަޔަކަށް އެދި ރައީސް ނަން ފޮނުއްވުމަކީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމަކަށް ވާތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.

މި މައްސަލައިގައި ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެންބަރު ހުށަހެޅުއްވި މައްސަލައިގައި ކުއްލިއްޔާ އަދި މައްސަލައާ ގުޅޭގޮތުން ވެސް ސުވާލު އުފެއްދޭ ކަމަށާ އެއީ ކުއްލި ކަމެއްތޯ ނުވަތަ މައްސަލައެއްތޯ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން އަރާފައިވާ ބޮޑު އޮޅުމާ ގުޅޭގޮތުން މަޖިލީހުން ރާއްޖޭގެ ރައްޔިތުންނަށް ކަންކަން ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއް ކަމުގައިި ދެކެވަޑައިގަންނަވާތީ، އެމަނިކުފާނު ނިންމެވީ މިއަދު މި މައްސަލަ ވޯޓަށް ގެނައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ވޯޓަށް އެހުމުން، މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެ މައްސަލަ ބަލައިގަނެ ބަހުސްކުުރުމަށް ފާސްކޮށްފައެވެ.