މާލޭ މަގުމަތިން ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ އަތުން ފޯނާއި ދަބަސް ފޭރިގަތް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދޭ ގޮތުގައި، މިރޭ ފާށަނާކިލެގެ މަގުން ހިނގާފައި ދިޔަ ބިދޭސީ އަންހެނެެއްގެ ފޯނާއި އަތްދަބަސް ފޭރިގަތް މީހަކު މިރޭ 18:40 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލޭގައި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުން ނެވެ. ދާދި ފަހުންވެސް ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރިގެން ދިޔަ މީހަކު އާންމުން ވެގެން ހިފަހައްޓައި، ފުލުހުންނާ ވަނީ ހަވާލު ކޮށްފަ އެވެ.

މުޖުތަމައުގައި މިފަދަ ކުށްތައް އިތުރުވަމުން ދާތީ އާންމުން މިކަަމަށް އިތުރު ސަމާލުކަމެއް ދިނުން މުހިއްމެވެ.