އއ. އުކުޅަހުގައި މަގުމަތިން ހިނގާފައިދިޔަ 3 އަހަރުގެ ކުއްޖެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކުއްޖާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދޭ ގޮތުގައި އުކުޅަހުގައި މަގުމަތިން ހިނގާފައި ދިޔަ ތިން އަހަރުގެ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި މިއަދު ހަވީރު 17:15 ހާއިރު އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މިކުއްޖާއަށް ބޭރުފުށުން ލިބިފައިވާ އަނިޔާއަކީ ކަކުލުން ތަންކޮޅެއްގެ ހަން ގޮސްފައިވުން ކަމަށް ފުލުހުން ބުނެއެވެ. މި ކުއްޖާއަށް އެރަށު ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެއް ކަމަށާ، އަދި އޭނާ އަތުގައި ލައިސަންސްނެތް ކަމަށެެވެ. މި އެކްސިޑެންޓާއި ގުޅޭ މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.