ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުކަމަށް ހޮވުމަށް ބޭއްވި އިންތިހާބު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު ކާމިޔާބުކޮށްފި އެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި ފަނޑިޔާރު އަލީ ޝަރީފުގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ބައިވެރިވި އެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާ އިރު ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ އަލީ ޝަރީފެވެ. އަލީ ޝަރީޕު މި އިންތިހާބް ކާމިޔާބު ކުރައްވާފައި ވަނީ 127 ވޯޓާއެކު އެވެ. 37 ވޯޓާއެކު ދެވަނައަށް އެންމެ މަތިން ވޯޓު ހޯދާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް އެވެ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދަށް ލިބުނީ އެންމެ ވޯޓެކެވެ.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދަކީ 178 އެވެ. އަދި މި އިންތިހާބުގައި ވޯޓުލީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދަކީ 167 އެވެ. އޭގެތެރެއިން 2 ވޯޓްވަނީ ބާތިލުވެފަ އެވެ. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. އޭނާގެ ދައުރު މިމަހުގެ 27 އަށް ހަމަވާނެއެވެ.