އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާކަން ހާމަކުރައްވާ، އަންހެނުން ފަނޑިޔާރުކަން ކުރުމާމެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިޔާލުފުޅު ހާމަ ކުރައްވައިފިއެވެ.

ޑރ.އަޒްމިރަލްޑާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓަށް އައްޔަންކުރަން ލަފާފުޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވުމުން، އެކަމާ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ ދެކޮޅު ހައްދަވާ އެއީ އިސްލާމްދީނުގައި ހުއްދަ ނޫންކަމެއް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ބައެއް އިލްމުވެރިން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ވެސް ކުރައްވާފައެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބާރީ، އިބްނު ހަޒްމް، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔޫސުފުލް އަލް ގަރާދަވީ، އަބްދުލްކަރީމް ޒައިދީން އަދި ސައީދު ރަމަދާން ފަދަ މިހާރުގެ ގިނަ އިލްމުވެރިން ވެސް ވިދާޅުވަނީ އެހެން ކަމަށް މައުމޫން ވިދާޅުވިއެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވިކަމަށް މައުމޫން ޓްވީޓް ކުރައްވާފައިވާ އިރު، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ފަތުވާ މަޖިލީހުން ވަނީ އެއީ އިސްލާމްދީނުގައިި ހުއްދަ ނޫންކަމެއް ކަަމަށް ވިދާޅުވެ ބަޔާނެއް ވެސް ނެެރެފައެވެ. ރައީސް ސޯލިހު އަންހެން ދެބޭފުޅުންގެ ނަން ފޮނުއްވުމުގެ ކުރިން ފަތުވާ މަޖިލީހުން ނެރިފައިވާ މި ބަޔާނުގައި ވަނީ އެއީ ހުއްދަ ނޫންކަމެއް ކަމަށް ބުނެ ރައުޔުތަކެއް ވެސް ހިމަނާފައެވެ.

އެގޮތުން ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ހަވާރިޖުންގެ ތެރޭގައި ހިމެނީ އިބާސީންގެ ރައުޔެވެ. އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޒިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ. އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޒިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރައުޔެކެވެ.

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރައުުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރައުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށާ މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ.

އަދި އެއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރައުޔަށް ވާތީ ކަމަށް ނިންމުމުގައި ވެއެވެ. އެއީ ޖުމްހޫރު އިލްމުވެރިންގެ ރައުޔު ކަމަށް ބުނެފައިވެއެވެ.