ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ނެފެށި ދިގުލައިގެން ދަނީ، އެ މަޝްރޫއުތައް އެވޯޑްކުރުމުގެ މަސައްކަތް ދިގުލައިގެން ދާތި ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބީލަންވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ޓެންޑަރިން ޕްރޮސެސްގެ ތެރެއިން ބައެއް ފަރާތްތަކުން ސައްހަ މައުލޫމާތު ނުދޭތީ ޓެންޑާ އެވޯޑް ކުރުމަށް ފަހު ބާތިލު ކުރަން ޖެހުން ފަދަ ކަންކަން ދިމާވުމުގެ ސަބަބުން ޕްރޮސެސް ލަސްވާ ކަމަށެވެ. މިިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހަވާލު ކުރުމަށް އެންމެ އެކަށީގެންވާ ކުންފުނި ހޯދުމަށް ހިންގާ ޓެންޑަރިން މަރުހަލާ ދިގު ދެމިގެން ދިއުމަކީ މަސައްކަތްތައް އަވަހަށް ނިންމުމުގައި މިހާރު ވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތްތަކުގެ ތެރެއިން އެންމެ ޕްރޮޖެކްޓެއް ފިޔަވައި ދެން ހުރި ހުރިހާ ޕްރޮޖެކްޓެއް ވެސް ހަވާލު ކުރެވިފައި ވަނީ ހުޅުވާލެވިފައިވާ އޯޕެން ޓެންޑާއަކުން ކަމަށެވެ.

"ރައްޔިތުން ޕްރޮސެސް އެއް ބަލާކަށް ބޭނުމެއް ނުވޭ. ރައްޔިތުން ބަލަން ބޭނުންވަނީ މަސައްކަތް ހިންގަނީ ކޮން ސްޕީޑެއްގައިތޯ. ނަމަވެސް އަޅުގަނޑުމެން ޖެހޭ ބަލަން ޓްރާންސްޕޭރެންޓް ޕްރޮސެސްއެއް ވެސް ގެންދަން. އިވެލުއޭޝަންތައް ފެއާކޮށް ވެސް ގެންދަން. އަދި މަސައްކަތް ހަވާލުކުރެވޭ ފަރާތްތަކަކީ އެ މަަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ބަޔެއްތޯ ވެސް ބަލަން ޖެހޭ،"
މިނިސްޓަރު އަސްލަމް

މިނިސްޓަރު ވިދާޅުވީ މަސައްކަތް ހަވާލުކުރަން ކުންފުންޏެއް ހޮވުމަކީ އެންމެ ގިނަ ވަގުތު ނަގާ އެއް މަސައްކަތް ކަމަށެވެ. އެގޮތުން ތަފާތު ކުންފުނިތަކުން މިކަމަށް ކުރިމަތިލާ އިރު ކުންފުންޏެއް ހޮވުމުގައި ގިނަ ބެލުންތަކެއް ބަލަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި މި ސަބަބަށްޓަކައި ވެސް މަސައްކަތްތައް ދިގުލައިގެން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޓެންޑަރ އިވަލުއޭޓް ކުރުމުގައި ގިނަ މަސައްކަތްތައް ކުރަން ޖެހުމާއި އެކަށީގެންވާ ވަރަށް މުއައްޒަފުން ނެތުމާއި ސައްހަ މައުލޫމާތު ނެތުމުގެ ސަބަބުން ބިޑް ބާތިލްކުރަންވެސް ޖެހޭ. މިއީ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވާ ކަމެއް،"
މިނިސްޓަރ އަސްލަމް

އިންފްރާސްޓްރަކްޗާގެ މަސައްކަތަކަށް މިއަހަރު ކަނޑައެޅި 2.5 ބިލިއަން ރުފިޔާގެ ތެރެއިން، 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ސަރުކާރުން ވަނީ އެކި ކުންފުނިތަކާ މިހާރު ހަވާލު ކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތްތައް ހަވާލުކުރި ފަހުން އަދި މާގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި، އަމަލީ މަސައްކަތް އަދި ފެށިގެން ނުދާކަމަށެވެ. އެހެން ނަމަވެސް މި އަހަރުތެރޭގައި މަސައްކަތްތައް ފެށި، ބާރު ސްޕީޑެއްގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.