ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކުރި މައްސަލައަކީ ކުރީގެ ސަރުކާރުގައި ހިނގާދިޔަ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެންޓި ޓޯޗާ ރިޕޯޓުގައި ބަޔާންކުރާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 22 ކުއްޖަކަށް އަނިޔާކުރި ވާހަކައާ ގުޅިގެން އޮޅުން އަރާ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އެ ހާދިސާތަކަކީ ނިމިގެން ދިޔަ ސަރުކާރުގައި ހިނގާފައިވާ ހާދިސާތަކެއް ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

އެންޓި-ޓޯޗާ ރިޕޯޓު 2019 ގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި ގދ. ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން އެތަންތަނުގައި ބަލަހައްޓަމުން ގެންދާ ކުދިންނަށް އަނިޔާކޮށްގެން ޖުމްލަ 10 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަތަކުގައި 22 ކުއްޖަކު ހިމެނޭ އިރު، ބައެއް ކުދިން ބަރަހަނާ ކޮށްފައިވާ މައްސަލައެއްގައި މަރުކަޒުގައި މަސައްކަތް ކުރާ އަށް މުވައްޒަފުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެއީ މަރުކަޒުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަމުން ދިޔަ ހަތް މުވައްޒަފަކާއި ދާއިމީ މުވައްޒަފެއްކަން ރިޕޯޓުން އެނގެން އޮވެއެވެ.

އަދި އެ މައްސަލަތަކުގައި ހިޔާގެ 10 މުވައްޒަފަކަށް ޖެންޑާ މިނިސްޓްރީ އިން އިދާރީ ފިޔަވަޅު އަޅާފައިވާ ކަމާއި، އެފަރާތްތަކުގެ މައުލޫމާތު އެޗްއާރްސީއެމް އާ ހިއްސާކޮށްފައި ވީނަމަވެސް އެ ފަރާތްތަކުން ހިންގި ޓޯޗާގެ އަމަލު އެ ކޮމިޝަނުން ތަހުގީގު ކޮށްފައި ނުވާކަމަށް އެންޓި-ޓޯޗާ ރިޕޯޓުގައިވެ އެވެ.