ދުއްވާ އުޅަނދުތަކުގެ ބާރުމިން ބެލުމަށް ފުލުހުން އެެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ސްޕީޑް ގަން ބޭނުންކުރަން ފަށައިފިއެވެ.

މިއަދުން ފެށިގެން މާލެއާއި ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަން ހަމަޖެހިފައި ވެއެވެ. މި ސްޕީޑް ގަންއަކީ މިހާރު ބޭނުންކުރަމުންދާ ގަންއަށްވުރެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ އަދި އޭގައި ބޭނުންކުރެވޭ ފަންކްޝަންތައްވެސް ގިނަ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޓްރެފިކް ފުލުހުންވެސް ބޭނުންކުރަމުންދާ ވަސީލަތެއްކަމަށް ފުލުހުން ބުނެެއެވެ.

މިސްޕީޑް ގަން އިން، ބާރު ސްޕީޑުގައި ދުއްވާ އުޅަނދާއި އުޅަނދު ދުއްވަން އިންނަ މީހާގެ ފޮޓޯ ނަގައި ވަގުތުން ވީޑިއޯ ރެކޯޑްކުރެވޭނެއެވެ. އަދި އުޅަނދުގެ ރަޖިސްޓްރީ ނަންބަރު ރެކޯޑްކުރެވި، އުޅަނދު ދުއްވި ސްޕީޑާއި ދުރުމިން ވަގުތުން އަންގައިދޭނެއެވެ. އަދި މިގަން އިން 0 ން 320 ކިލޯ މީޓަރު ބާރުމިނުގައި ދުއްވާ އުޅަނދުތައް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރެކޯޑްކޮށް، ރެކޯޑްތައް ރައްކާކުރެވޭނެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން ކުރިއަށް ގެންދާ އެކިއެކި އޮޕަރޭޝަންތަކުގައި، ބާރު ސްޕީޑްގައި ދުއްވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ދަނީ ސްޕީޑް ގަން ބޭނުންކުރަމުންނެވެ.