ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން 3 ހެކިވެރިންގެ ހެކިބަސް ނެގުމަށް ފަހު ނިންމާލައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދެވެ. ދެވަނަ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހާޒިރު ކޮށްފައިވާއިރު، ތިންވަނަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ކުރީ، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުއެވެ. ހެނދުނުން ފެށިގެން ހަވީރަށް ދިގުލައިގެން ދިޔަ މިއަދުގެ ޝަރީއަތް ނިންމާލަމުން މި މައްސަލަބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވަނީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ 3 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

މުއައްވިޒު

އޭސީސީގެ ރައީސް މުއައްވިޒު

ޝަރީއަތުން މަޖިލީހުގައި ރައީސް ޔާމީންގެ އެކައުންޓް ސްޓޭޓްމެންޓާ ގުޅޭގޮތުން ދައުލަތުން ސުވާލުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރަކީ އެސްއޯއެފްގެ އެކައުންޓަށް ޗެކަކުން ޖަމާކުރި 1 މިލިއަން ޑޮލަރުތޯ ނުވަތަ ކުރިން އެ އެކައުންޓުގައި ހުރި ލާރިތޯ ސާފްކުރުމަށް ތަކުރާރުކޮށް ސުވާލު ކުރައްވާފައެވެ. އަދި އެސްއޯއެފުން ފުރަތަމަ ބުރު ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ސައްހަ ނޫން ފައިސާކަން އޭސީސީން ކަނޑައެޅީ ކިހިނެއްތޯ ވެސްދިފާއީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން، ދައުލަތުގެ ވަކީލާ ވަނީ، ދިފާއީ ވަކީލުން ހެކިވެރިޔާ މުއައްވިޒާ ސުވާލުކުރައްވަމުން ގެންދަވަނީ މިއަދު ހާޒިރުކުރެވުނު ބޭނުމާ ހިލާފަށް ކަމަށް ފާހަގަ ކުރައްވާފައެވެ.

އަދީބު

ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުން އަދީބު ވަނީ، ރައީސް ޔާމީނުގެ އެކައުންޓަށް އޭނާ ކެމްޕޭނު ފައިސާ ޖަމާ ނުކުރާ ކަމަށާއި، ކެމްޕޭނު ފައިސާއެއް ދެއްވުމަށް ރައީސް ޔާމީން އެއްވެސް އިރަކު ގުޅުއްވާފައި ނުވަތަ އަންގަވާފައި ނެތް ކަމަށް ވިދާޅުވެފައެވެެ. ނަމަވެސް، އެމްއެމްޕީއާރުސީ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށާއި، ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަށް ފަހުވެސް އެމަނިކުފާނަށް އެމްއެމްޕީއާރްސީ ފައިސާއާ ގުޅިގެން ރައީސް ޔާމީން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، ރަށްތައް ދޫކުރުމާއި ފައިސާ ނެގުމުގެ އެންމެ އިސްކޮށް އުޅުއްވީ ވެސް ރައީސް ޔާމިން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. އަދި އަދީބު އެމްއެމްޕީއާރްސީގެ ފައިސާ ނަންގަވައި އަމިއްލަ ކުންފުނިތަކަށް ޖަމާކުރައްވައި އެ ފައިސާ ނަންގަވަމުން ގެންދެވީ ޔާމީން އަންގަވާ ގޮތަށް ކަމަށާ އެ ކަންކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް އަދީބުގެ ވާހަކަތަކާއި ރުހި ވަޑައި ނުގެން ރައީސް ޔާމީން ވަނީ އެގޮތަށް ވާހަކަ ނުދެއްކެވުމަށާ ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ 3 ވަނަ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ

މީގެ އިތުރުން، އަދީބު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީ އަދީބުގެ އޯޑަރަކަށް ނޫން ކަމަށާ، އެއީ ރައީސް ޔާމީންގެ އޯޑަރަށް ކުރެއްވި ކަމެއް ކަމަށެވެ. އަދި އެ ފައިސާއަށް އެމަނިކުފާނާއި ރައީސް ޔާމީން ވެސް ޒިންމާވެވަޑައިގަންނަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ. ޝަރީއަތުގައި އަދީބަށް ސުވާލުތައް އަމާޒު ކުރައްވަމުން ރައީސް ޔާމީން ވަނީ އެމްއެމްޕިއާރުސީގެ އެމްޑީ އޭސީސީއަށް ދެއްވި ބަޔާނުގައި ވޮޑުމުއްލާގެ ފައިސާ އެންޑޯޒް ކުރެއްވީ އަދީބު ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދީބު ވިދާޅުވީ އެމަނިކުފާނު ކަންކަން އެންޑޯޒް ކުރެއްވީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށާ، ރައީސް ޔާމީންގެ އޯޑަރަށް ގާނޫނާ ހިލާފް ކަންކަން ކުރެއްވި ކަމަށް ތަކުރާރު ކޮށް އަދީބު ވިދާޅުވިއެވެ.

ހެކިބަސް ދިނުމުގައި އަދީބަށް އެއްވެސް ނުފޫޒެއް އޮތްތޯ އަހާ ވަކީލަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދީބު ވަނީ އެމަނިކުފާނު ހެކިބަސް ދެއްވަނީ އަމިއްލަ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި ކަމަށާ، ހެކިބަސް ދެއްވުމުގައި ދެކެެވޭ ވާހަކަތާ ގުޅިގެން އެއްވެސް ހުކުމެއް އައި ނަމަވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މި ހެކިބަސް ދެއްވާތީ އެމަނިކުފާނަށް އިންޒާރުތައް ލިބިވަޑައިގެންނެވި ކަމަށާ، އެގޮތުން ޖަލުގައި މަރާލާނެ ކަމަށާއި ވިހަ ދޭނެ ކަމުގެ އިންޒާރުތައް ލިބިވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ.

އަދީބު ވަނީ ހެކި ބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ކަމުގައި ވިޔަސް ހަގީގަތް ހާމަކޮށްދެއްވަން ބޭނުންފުޅު ކަމަށާ ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްއެމްޕީއާރްސީގެ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް އެސްއޯއެފްގެ މީހުން ދިޔަ ކަމަށާ، އެއީ ޔާމީންގެ ވެސް އެކުވެރިން ކަމަށް ވިދާޅުވެފައެވެ.

އަދީބު ރާއްޖެއިން ފިއްލަވައިގެން އިންޑިއާ އަށް އެތެރެވާން އުޅުއްވަނިކޮށް ހިފެހެއްޓި ދުވަސްވަރު، އެމަނިކުފާނަށް ރާއްޖެއިން ބިރު އޮތް ކަމަށް ބުނެ ބަޔާން ނެރުނު ބައިނަލްއަގްވާމީ ވަކީލުންގެ ޓީމަކީ އެމަނިކުފާނުގެ ވަކީލުންގެ ޓީމެއް ނޫން ކަމަށް އަދީބު ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ. އެގޮތުން، އަދީބު ވިދާޅުވީ، އެމަނިކުފާނަށް ރާއްޖެއިން ބިރު އޮތް ކަމަށް ބުނެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ބަޔާން ނެރުނީ އެމަނިކުފާނާ މަޝްވަރާ ކުރުމަށް ފަހު ނޫން ކަމަށާ، އެ ޓީމަކީ ސީދާ އެމަނިކުފާނުގެ ވަކީލުންގެ ޓީމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ 3 ވަނަ އަޑުއެހުން ކްރިމިނަލް ކޯޓުގައި

އަނިޔާވެރި ސަރުކާރުން އަނިޔާ ދެއްވިކަމަށް އަދީބު ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވަނީ އެކަމާ އެއްވެސް ހިތް ނުވަތަނަވަސްކަމެއް އޮތްތޯ އަހާ ސުވާލު ކުރައްވާފައެވެ. ޖަވާބަކަށް އަދީބު ވިދާޅުވީ އެމަނިކުފާނަށް އަނިޔާދެއްވި ބަޔަކު ނޭނގޭ ކަމަށާއި، ނަމަވެސް ރައީސް ޔާމީނަށް ވެސް ހިތުގެ އަޑިން މައާފްކޮށްދެއްވާފައި ވާނެ ކަމަށެވެ.

އަދީބު މިހެން ވިދާޅުވީ އެންމެފަހުން ސުޕްރީމް ކޯޓުގައި ބޭއްވި އަދީބުގެ މައްސަލައިގެން އަޑުއެހުމުގައި އެމަނިކުފާނުގެ ސިނކުޑީގެ މައްސަލައެއް ހުރިކަމަށް ވިދާޅުވިކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވުމާއި ގުޅިގެން އަދީބު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ދުނިޔެއިން މޮޔަވެފައި ނޫން ކަމަށާއި 4 އަަހަރު ވަންދެން އެކަހެރި ކޮށްފައި ހުންނެވުމުންގެ ސަބަބުން އެންޒައިޓީގެ ކަންކަން ދިމާވި ކަމަށެވެ.

ޒިޔަތު

ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ޒިޔަތު ވިދާޅުވީ، ރަށްތަކާއި ފަޅުތައް ކުއްޔަކާ ނުލާ ދޭން ފެށުނީ 2014 ވަނަ އަހަރު ރައީސް އޮފީހުން އަންގައިގެން ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވަކިގޮތަކަށް ކަންކަން ކުރައްވަން އިރުޝާދު ދެއްވި ކަމަށާއި، ރަށްތައް އަދި ފަޅުތައް ދޫކުރުމަށް ވަކި ގޮތެއް އަންގާ ފޯނުންނާއި މެސްޖް މެދުވެރިކޮށް އެންގެވި ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ކުއްޔަށް ދޫކުރި ގއ. ވޮޑަމުލާގެ ފައިސާ އަދީބާ ހަވާލުކުރަން އަންގާފައި އޮތް، ނަމަވެސް އަދީބު މާލެގައި ނެތުމުން އެ ފައިސާ އެސްއޯއެފާއި ހަވާލުކުރި ކަމަށާއި، ރައީސް ޔާމީން އެކަމުގައި އޭނާއާ މުއާމަލާތް ކުރި ކަމަށް ޒިޔަތު ވިދާޅުވިއެވެ. ޒިޔަތު ވިދާޅުވީ، ވޮޑަމުލާ ކުއްޔަށް ދީގެން 1 މިލިއަން ޑޮލަރު ލިބުނު ކަމަށާއި، އެ 1 މިލިއަން ޑޮލަރަށް ފަހުންވީ ގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ 3 ވަނަ އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ

ޒިޔަތު ޝަރީއަތުގައި ދެއްކެވި ވާހަކަތައް ތަހުގީގައި ދެއްކެވި ވާހަކަތައް ދިމާނުވާކަން ދިފާއީ ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ދިފާއީ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، 1 މިލިއަން ޑޮލަރުގެ ވާހަކަ އެއްސެވީ ހަބަރުން ކަމަށެވެ. ޒިޔަތުު ވިދާޅުވީ ކުންފުނީގެ އަސާސީ ގަވާއިދަށް އަމަލުކުރަން ޖެހޭ ކަމަށް ވިޔަސް އޭނާ އަމަލުކުރެއްވީ ރައީސް ޔާމީން ފޯނުން އަންގާ އެންގެވުމަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެކަން ދޮގުކުރައްވާ، އެމަނިކުފާނާ ޒިޔަތާ ބައްދަލުވީ އެންމެ ފަހަރަކު ފުލުސް އޮފީހުން ކަމަށާއި ދުވަހަކުވެސް ޒިޔަތާ ފޯނުން ވާހަކަ ނުދައްކަވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ މަޖިލީހުގައި މައްސަލަ ހޫނުވެ ރައީސް ޔާމީނާ ޒިޔަތު ވަނީ ބަހުސަކަށް ގޮސްފައެވެ. އެގޮތުން ޒިޔަތަށް ކަންކަމުގައި އިރުޝާދު ނުދެއްވާކަމަށް ރައީސް ޔާމީން ވިދާޅުވި، ނަމަވެސް ޒިޔަތު ވިދާޅުވީ ޔާމީން ސީދާ އޯޑަރު ދެއްވާކަމަށާއި އެކަމުގައި ބަންޑާރަ ނައިބު ވެސް ރައީސް ޔާމީން ވިދާޅުވިނަމަ އެކަން ކުރެއްވުމަށް ލަފާ ދެއްވި ކަމަށެވެ. މީގެ އިތުރުން ޒިޔަތު ވިދާޅުވީ، އެމްއެމްޕިއާރުސީ އޮފީހަށް ބަންޑާރަ ނައިބަށް އަދި އަދީބަށް ފިންގާ ޕްރިންޓް ޖައްސަވާފައި ވަނދެ ވަޑައިގެންނެވޭ ކަމަށެވެ.