ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް ހުށަހަޅާފިއެވެ.

ޖާބިރު މިއަދު ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއް 'ދަ ޕްރެސް' އަށް ވަނީ ލިބިފައެވެ. މި ސިޓީގައި ރައީސް މައުމޫން ޖާބިރު އަތުން މަކަރާއި ހީލަތުން 29 މިލިއަން ރުފިޔާ ނަންގަވާ، އެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިތުރުފުޅެއް ހައްދަވާފައިވާ ކަމަށް ބުނެފައި ވެއެވެ.

ސިޓީގައި ޖާބިރު ވަނީ، މި މައްސަލާގައި ރައީސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށް، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައެވެ. އަދި ތަހުގީގު ކުރިއަށް ދާ ވަރަކުން މި މައްސަލާގައި ހުށަހަޅަން ޖެހޭ ހެކި ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް ޖާބިރު ވިދާޅުވެފައި ވެއެވެެ.

މީގެ އިތުރުން ޖާބިރު ވަނީ އަވަސް މުއްދަތެއްގައި އޭނާއަށް ލިބިވަޑައިގަންނަވަން ޖެހޭ ހައްގު ލިބޭނެ ގޮތް ހަމަ ޖައްސާ ދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.