މިއަދު ހެކިބަސް ދެއްވާތީ ވިހަ ދޭނެ ކަމުގެ އިންޒާރު ލިބިވަޑައިގެންފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އަދީބު ވަނީ އެމަނިކުފާނު ހެކިބަސް ދެއްވަނީ އަމިއްލަ މިނިވަންކަމާއެކު އެއްވެސް ނުފޫޒެއް ނެތި ކަމަށާ، ހެކިބަސް ދެއްވުމުގައި ދެކެެވޭ ވާހަކަތާ ގުޅިގެން އެއްވެސް ހުކުމެއް އައި ނަމަވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މި ހެކިބަސް ދެއްވާތީ އެމަނިކުފާނަށް އިންޒާރުތައް ލިބިވަޑައިގެންނެވި ކަމަށާ، އެގޮތުން ޖަލުގައި މަރާލާނެ ކަމަށާއި ވިހަ ދޭނެ ކަމުގެ އިންޒާރުތައް ލިބިވަޑައިގެންނެވިކަން ފާހަގަ ކުރެއްވިއެވެ.

އަދީބު ހާޒިރުކޮށް މިއަދު ކްރިމިނަލް ކޯޓުގައި ނެގި ހެކި ބަހުގައި އަދީބު ވަނީ ހެކި ބަހުގެ ސަބަބުން އިތުރު ދައުވާއެއް އައި ކަމުގައި ވިޔަސް ހަގީގަތް ހާމަކޮށްދެއްވަން ބޭނުންފުޅު ކަމަށާ ފޮރުވަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމްއެމްޕީއާރްސީގެ ފައިސާ ހިފައިގެން ޔާމީންގެ ގެޔަށް އެސްއޯއެފްގެ މީހުން ދިޔަ ކަމަށާ، އެއީ ޔާމީންގެ ވެސް އެކުވެރިން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އަދީބު އެމްއެމްޕީއާރްސީގެ ފައިސާ ނަންގަވައި އަމިއްލަ ކުންފުނިތަކަށް ޖަމާކުރައްވައި އެ ފައިސާ ނަންގަވަމުން ގެންދެވީ ޔާމީން އަންގަވާ ގޮތަށް ކަމަށާ އެ ކަންކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް އަދީބުގެ ވާހަކަތަކާއި ރުހި ވަޑައި ނުގެން ރައީސް ޔާމީމް ވަނީ އެގޮތަށް ވާހަކަ ނުދެއްކެވުމަށާ ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފައެވެ.