އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ތޫނިފިލިކަން ކުރިއެރުވުމަށް ތަރައްގީގެ ނަމުގައި ހޯދަމުންދާ ކުރިއެރުންތަކުގެ ސަބަބުން ދުނިޔެއަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރާ ކުންފުނިތަކުގެ ތެރޭގައި ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާ، އާންމުންގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ މައިކްރޮސޮފްޓް، އެމެޒޯން އަދި އިންޓެލް ކުންފުނި ހިމެނިއްޖެއެވެ.

މި ލިސްޓުގައި މި ކުންފުނިތައް ހިމަނާފައިވަނީ، ގެއްލުންދެނިވި މިނިވަން ހަތިޔާރުތަކުގެ މައްސަލާގައި މި ކުންފުނިން ދެކޭ ގޮތް ބަލާ، އެކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

ނެދަލަންޑްސްގެ އެންޖީއޯއެއް ކަމަށްވާ ޕެކްސްއިން ވަނީ މި ލިސްޓުގައި 50 ކުންފުންޏެއް ހިމަނާފައެވެ. މި ކުންފުނިތައް 3 ގިންތިއަކަށް ބަހާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ގެއްލުންދެނިވި މަސްނޫއީ ތޫނިފިލިކަމަށް ފެތޭ ޓެކްނޮލޮޖީ ތަރައްގީ ކުރުމާ، އެފަދަ އަސްކަރީ މަޝްރޫއުތަކުގައި ބައިވެރިވުމާ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމަކުން ދުރުވެ ތިބުމަށް ވިސްނާ، އެގޮތަށް ނިންމާފައިވުމެވެ.

އިސްވެދެންދެވުނު ކުންފުނިތަކަކީ އިންސާނެއްގެ ބާރާ ނުލާ އޭގެ ޒާތުގައި ގެއްލުންދެނިވި ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެއް އުފައްދަމުންދާ ކުންފުނިތަކަކަށްވާއިރު، އެކުންފުނިތަކުން އެކަން ދޮގު ނުކުރަނީ ކީއްވެތޯ، ލިސްޓު ހިމެނުނު ރިޕޯޓް އެކުލަވާލުމުގައި ހަރަކާތްތެރިވި އިސް މުސައްނިފު ފްރޭންކް ސްލީޕާ ވަނީ ސުވާލު އުފައްދާފައެވެ.

ގެއްލުންދެނިވި ހަތިޔާރު އޮޕަރޭޓްކުރުމުގެ ނިޒާމުގެ ތެރެއަށް މަސްނޫއީ ތޫނުފިލިކަން ޝާމިލުކުރުމަކީ އިންތިހާއަށް ނުރައްކާ ކަމެއް ކަމަށް ބުނެ، އެކަމުގެ ސުލޫކީ ހަމަތަކާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި މިހާރުވެސް ދަނީ ހޫނު ބަހުސްތަކެއް ކުރަމުންނެވެ.