ސޫރިޔާގެ އުތުރުގެ ހިސާބުތަކުގައި ހަނގުރާމަ ކުރަމުން ދިޔަ ހައްދުފަހަނައަޅާފައި ވާ އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އުފަންވި ޖަރުމަނުވިލާތުގެ ކުދިން އަނބުރާމަ އެގައުމަށް ބަލައިގަތުމަށް ޖަރުމަނުވިލާތުން ފުރަތަމަ ފަހަރަށް ނިންމައިފިއެވެ.

މި ނިންމުމުގެ ދަށުން 4 ކުއްޖަކު ޖަރުމަނުވިލާތަށް ގެނައުމަށް މިވަގުތު ނިންމާފައި އޮތް ނަމަވެސް، މިއަދަދު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ޖަރުމަނުވިލާތުގެ ހާރިޖީ ވަޒީރު ހެއިކޯ މާސް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެހެން ހިސާބުތަކެކޭވެސް އެއްގޮތަށް، ސޫރިޔާގެ ހަނގުރާމައަށް ދިޔަ މީހުންނާ، ސޫރިޔާއަށް ގޮސް އެތަނުގައި ތިބި އައިސިސްގެ ހަނގުރާމަވެރިންނަށް އުފަންވި ކުދިން އަނބުރާ ގައުމަށް ގެނައުމަށް ގޮތެއް ނިންމުމުގައި ޖަރުމަނުވިލާތަށް ވަނީ ބޮޑެތި ތަކުލީފު ބޮޑު ނިންމުންތަކެއް ނިންމަންޖެހިފައެވެ.

ސޫރިޔާގައި ހަނގުރާމަދިޔަ އައިސިސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށްފަހު އެ ހަނގުރާމަވެރިންނާ، އެ ހަނގުރާމަވެރިންނާ ގުޅިފައިވާ އާއިލާތަކުގެ ގިނަ އަދަދެއްގެ މެމްބަރުން އަދިވެސް ތިބީ ސޫރިޔާގެ ކުރުދީން ހިންގާ ކޭމްޕުތަކުގައި ބަންދުކޮށްފައެވެ.

ސޫރިޔާގެ ހަނގުރާމަވެރިންނަށް އުފަންވި ޖަރުމަނުކުދިން އަނބުރާ ގައުމަށް ގެނައުމަށް ނިންމާފައިވަނީ އެކުދިންނަކީ އެކުދިންގެ މައިންބަފައިން ކުރި ކުށުގެ ޒިންމާ އުފުލަންޖެހޭނެ ބައެއް ނޫންކަމަށް ކަނޑައެޅުމަށްފަހުގައެވެ.