ތުރުކީވިލާތުގެ އެންމެ ބޮޑު ސިޓީކަމަށްވާ އިސްތަންބޫލްގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީންގެ ތެރެއިން ދަފުތަރުނުކޮށް އެސަރަހައްދުގައި ދިރިއުޅެމުންދާ ރެފިއުޖީން ސޫރިޔާއިން ޑީޕޯޓް ކުރަން ފެށުމަށް ކަނޑައެޅި ސުންގަޑި ހަމަވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި ދަފުތަރުނުކޮށް އިސްތަންބޫލްގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީން ތުރުކީވިލާތުން ބޭލުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތުރުކީވިލާތަށް އެތެރެވުމަށްފަހު އެގައުމުގެ އެކި ޕްރޮވިންސްތަކުގައި ރެފިއުޖީންވަނީ ދަފުތަރުކޮށްފައެވެ. މި އުސޫލުގެ ދަށުން، ދަފުތަރުކޮށްފައިވާ ޕްރޮވިންސްތަކަށް ބަދަލުވުމަށް ރެފިއުޖީންނަށް ދީފައި އޮތް ސުންގަޑި ހަމަވީ އަންގާރަ ދުވަހުއެވެ.

ފާއިތުވީ ހަފުތާތަކުގައި ތުރުކިވިލާތުގެ ކަމާ ބެހޭ ފަރާތްތަކުންވަނީ އިސްތަންބޫލްގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދިޔަ ސޫރިޔާގެ ރެފިއުޖީންގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އިސްތަންބޫލްގައި ދަފުތަރުކޮށްފައިވަނީ ސޫރިޔާގެ 54000 އެއްހާ ރެފިއުޖީންނެވެ. ނަމަވެސް އެ ސިޓީގައި ހަގީގަތުގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީންގެ އަދަދު މިލިއަނަކާ ގާތްކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

މިފަދަ ގޮތަކަށް ކަން އޮތްއިރު، ސޫރިޔާގެ ރެފިއުޖީން ޑީޕޯޓްކުރުން ވެގެންދާނީ ތުރުކީވިލާތުގެ ވިޔަފާރީ ވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށް ތުރުކިވިލާތުގައި ވިޔަފާރި ކުރާ ސޫރިޔާގެ ރެފިއުޖީއެއް ކަމަށްވާ ރާމީ ވަނީ ފާހަގަކޮށްފައެވެ. އެހެނީ، ތުރުކީވިލާތުގެ ވިޔަފާރިވެރިންނަކީ ސޫރިޔާގެ ރެފިއުޖީން ލައްވާ މަސައްކަތްކުރުވަމުންދިޔަ ބައެއް ކަމަށާ، ނަމަވެސް ރެފިއުޖީން ފޮނުވާލުމަށް ނިންމުމާއެކު ގިނަ އަދަދެއްގެ ރެފިއުޖީން އިސްތަންބޫލް ދޫކޮށް ގޮސްފައިވާކަން ރާމީ ވަނީ ފާހަގަކޮށްފައެވެ.

ގަވައިދާ ހިލާފަށް އިސްތަންބޫލްގައި ދިރިއުޅެމުންދާ ސޫރިޔާގެ ރެފިއުޖީން ޑީޕޯޓް ކޮށްލުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް 3 މަސްދުވަހުގެ އިތުރު މުހުލަތެއް ދިނުން އެކަށީގެންވާކަމުގެ އިޝާރާތެއް ސޫރިޔާގެ އޮފިޝަލަކު ވަނީ ކުރައްވާފައެވެ.