ފުރަތަމަ ފަހަރަށް ހަނދުގެ ދެކުނު ތަނޑީގައި ޖެއްސުމަށް އިންޑިއާއިން ޖައްވަށް ކުރާ ތާރީހީ ދަތުރުގައި ބޭނުންކުރާ އުޅަނދު "ޗާންދްރަޔާން-2"، ކާމިޔާބު ކަމާއެކު ހަނދުގެ އޯބިޓަށް ވަދެއްޖެ އެވެ.

"ޗާންދްރަޔާން-2" ހަނދުގެ އޯބިޓަށް ވަދެފައިވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 09:02 ގަ އެވެ.

މިޝަން އޮޕަރޭޓް ކުރާ އިންޑިއާގެ ޖައްވީ އިދާރާ (އައި.އެސް.އައި.އާރް.އޯ) އިން ޚަބަރުދޭ ގޮތުގައި، "ޗާންދްރަޔާން-2"ގެ ހުރިހާ ބައިތަކެއްވެސް އެންމެ ރަނގަޅަށް މަސައްކަތްކުރެއެވެ.

މިމިޝަންގެ ދެން އޮތް މަރުހަލާ ފުރިހަމަ ކުރުމަށް ތާވަލުކޮށްފައިވަނީ މާދަމާއަށެވެ.

ހަނދުގެ ސަތަހައިން ފެށިގެން 100 ކިލޯމީޓަރު މައްޗަށް އޮންނަ ހަނދުގެ އޯބިޓަށް "ޗާންދްރަޔާން-2" ވަނުމާއެކު، ހަނދުގެ ސަތަހާގައި އުޅަނދު ޖެއްސުމަށް ބޭނުންކުރާ ލޭންޑާ، ވަކި ކޮންޓްރޯލެއްގެ ދަށުން ތިރިކުރަމުން ދާނެ ކަމަށް ޚަބަރު ލިބެއެވެ. އެއަށް ފަހު 6 ފުރޮޅުލީ ރޯވާއެއް ހަނދުގެ ސަތަހައަށް ދޫކޮށްލާނެއެވެ. ހަނދުގެ ސަތަހައިގެ 200 މީޓަރެއްހާ ސަރަހައްދުގައި މި ރޯވާ ހަރަކާތްތެރި ވާނެ ކަމަށް ބެލެވެއެވެ.

14 ދުވަހުގެ މިމިޝަންގެ މަގުސަދަކީ ހަނދުގެ ސަތަހާގައި ގަނޑުފެނުގެ ސިފާގައި ހުރި ފެނާއި، މިނަރަލްތަކުގެ ދިރާސާއެއް ކުރުމެވެ.

ކުޑަ މަޑުޖެހުމަކަށް ފަހު، އަންދްރަޕްރަދޭޝް އިން "ޗާންދްރަޔާން-2" އުދުއްސާލީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އިންޑިއާއިން ޖައްވަށް ކުރާ ތާރީހީ ދަތުރުގެ ފެށުން ކަމުގައިވި "ޗާންދްރަޔާން-2" ޖައްވީ އުޅަނދުގެ ކާމިޔާބު އުދުއްސާލުން ފާހަގަ ކޮށް، އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ވަނީ މަރުޙަބާވެސް ކިޔާފައެވެ.

150 މިލިއަން ޑޮލަރުގެ އަގުހުރި މި މަޝްރޫއަކީ ހަނދުގެ ދެކުނު ތަނޑިއަށް ދަތުރުކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދާ މިޝަންއެކެވެ.