އަލަށް އެކުލަވާލާ މަސްވެރިކަމާ ބެހޭ ބިލުން ފެންނަނީ ހުރިހާކަމެއް މަނާކުރާތަން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ބިލްތައް ޑިޒައިންކޮށް ގާނޫނުތައް ބައްޓަންކުރަމުންދާއިރު ހަނދާންކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ދިވެހިރާއްޖެ މިދަނީ އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ ގޮތަށް ކަންކަން ޑިޒައިން ކުރަމުން ކަމަށާއި، މަސްވެރިކަމުގެ ގާނޫނެއް ހަދަން މަޖިލީހުގައި އިށީންދެ ތިއްބަވާ ވާހަކަ ދައްކަވާ އިރުގައި، ތަންތަން ހިމާޔަތްކުރަމުން ކުރަމުން ގޮސް ވިޔަފާރިން އާމްދަނީ ނުލިބޭގޮތަށް ކަންތައްތައް ޑިޒައިން ކުރަމުން ދާކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި ބަންދު ތެރޭގައި ރާއްޖޭގެ ގިނަ މަސްވެރިންނާ ބައްދަލުކުރެއްވީ ކަމަށެވެ. އެގޮތުން ހުވަދު އަތޮޅާއި އައްޑު އަތޮޅާއި އެހެނިހެން އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި މަސްވެރިންގެ ގިނަ ޝަކުވާތަކެއް ހުރިކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ވަކި ހިސާބެއްގައި ދާ ނޭޅެންވީ ކީއްވެގެންތޯއާ، ލިބެންހުރި ރިޒުގު ނުނަގަންވީ ކީއްވެގެންތޯ ބަހުސްކުރައްވަމުން ސުވާލުއުފައްދަވާފައެވެ.

"އަޅުގަނޑަށް މި ގާނޫނުން ފެންނަނީ ހުރިހާކަމެއް މަނާކުރާތަން. ލިބެންވާ އާމްދަނީ ލިބުން ހުރަސް އެޅޭތަން. ކުރަންޖެހޭ ކަމަކީ މަސްވެރިން ބާނާ މަސް، ލިބެން ޖެހޭ އާމްދަނީ އިތުރުކުރުން އަދި މަސް ބޭނުމުގެ ކެޕޭސިޓީ އިތުރުކުރުން. އަޅުގަނޑުމެން ކުރިން ދެއްކީ ދުމަށި ހަދާ ވާހަކަ. މިއަދު ދިވެހި އަންހެނުން ބަދިގެއަށް ވަދެ މަސްކައްކަން ބޭނުން ނުވޭ. މިއަަދު އަޅުގަނޑުމެން ގާނޫނެއް އުފަންމިކުރަނީ ކީއްވެގެންތޯ،"
ޖާބިރު

ޖާބިރު ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅަށް މިފްކޯއިން ލާރި ނުދީ ހިފަހައްޓާފައިވާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގައި ފައިސާ ނެތީ މަސްވެރި މީހާ ބާނާ މަސްކޮޅަށް ލާރިދޭން ކަމަށެވެ. އަދި މިކަންކަން މަސްވެރިކަމާ ބެހޭ ބިލުން ގެރެންޓީކުރަންޖެހޭ ކަމަށާއި، މިއަދު ދެމަސް ތިންމަސް ވެގެންދާ އިރު ބާނާ މަސްކޮޅަށް ލާރި ނުދޭ އިރުގައި އަނެއްކާ އަމިއްލައަށް ތެޔޮ އަޅައިގެން މަސްވެރިން ތިބީ ހުއްޓިފައި ކަމަށެވެ.

"މިކަންކަން ރެގިއުލޭޓްކޮށް ގާނޫނު ހަދާއިރު މިބައި ރަނގަޅުކުރަންޖެހޭ. އަޅުގަނޑުމެން އޯވާ ރެގިއުލޭޓްކޮށްގެން ނުވާނެ. ބައެއް ތަންތަނަށް ޑައިވިން ކުރުން މިހާރު މަނާވެއްޖެ. އެތަންތަން ހިމާޔަތްކުރުމުން ދެން ކޮންކޮންތާކަށްތޯ ޑައިިވިން ކުރަން ދާންވީ. ޑައިވިންއަށް މިދަނީ މުރަކައާއި ފެހުރެހި ބަލަން،"
ޖާބިރު

ޖާބިރު ވިދާޅުވީ ރާއްޖޭގައި ކުރަނީ ދޮށީގެ މަސްވެރިކަން ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހާ ދުވަހަކު ތަނަވަސް ނުވާ ކަމަށެވެ. އަދި އެއީ ދޮށީގެ މަސްވެރިކަން ކުރުމުގެ ސަބަބުން ކަމަށާއި، އެއީ މޫސުމީ މަސްވެރިކަމެއް ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ތާ އުމުރު މަސްވެރިކަން ކުރަންޖެހޭ ކަމަށާއި، ފުރާގު މުއްތި ކުރުމަށްޓަކައި ކޮންމެ ދުވަހަކު މަހަށްދާން ޖެހޭ ކަމަށެވެ.

މަސްގަތުމުގެ ލައިސަންސް ވަކި ޒޯންތަކަށް ދީފައި އޮތް މައްސަލައަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވީ ސަރުކާރުން އޮންނަނީ ދެތިން ބަޔަކަށް ލައިސަންސް ދީފައި ކަމަށާއި، އެކަމެއް ފަހަރުގައި ނެތި ހިނގައިދާނެ ކަމަށެވެ. އެހެންނަމަވެސް މަސްވެރިކަން ޓުއަރިޒަމާ އެއްގޮތަށް ބޮޑުތަނުން ހުޅުވާލާ މަސްވެރިންނަކީ ވެސް ވަޒީފާ އަދާކުރާ ބައެއްގެ ގޮތުގައި ހަމަޖެހި މަސްވެރިންގެ ހައްގުތައް މި ބިލު ފަރުމާވެގެންދާ އިރު، އޭނާގެ ވާހަކައަށް ބަަލައިގެން ބިލު ޑިޒައިން ކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.