ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ކޮންޓްރޯލް ނުލިބި މިހާރު އޮތް ހަމައެކަނި ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެއް ކަމަށްވާ ދީރް-އަލް-ޝަރްގީގެ ކޮންޓްރޯލް އަތުލުމަށް، އަސަދުގެ ސަރުކާރަށް އެއްބާރުލުން ދޭ ރަޝިއާގެ އަސްކަރިއްޔާއާއި ސޫރިޔާގެ އަސްކަރިއްޔާ ގުޅިގެން ވަރުގަދަ ކޮށްފައިވާ ވައިގެ އޮޕަރޭޝަންތަކުގެ ތެރެއިން ދިން ހަމަލާއެއްގައި އެއް އާއިލާގެ 7 މެމްބަރުން މަރުވެއްޖެއެވެ.

އަސަދުގެ ސަރުކާރަށް ކޮންޓްރޯލް ލިބިފައި ނުވާ އިދްލީބް ޕްރޮވިންސްގެ ދެކުނުގައި އޮންނަ ދީރް-އަލް-ޝަރްގީގެ އަވަށަކަށް އަމާޒުކޮށް ވައިގެ މަގުން ދިން ހަމަލާ އަމާޒުވީ އާންމުން ދިރިއުޅޭ ގެޔަކަށް ކަމަށާ، އެ ހަމަލާގައި މަރުވީ އަންހެނަކާ އޭނާގެ 6 ދަރިން ކަމަށް، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެއެވެ.

ހޮނިހިރު ދުވަހުގެ ހަމަލާގައި މަރުވި 6 ކުދިންނަކީވެސް އުމުރުން 18 އަހަރުން ދަށުގެ، ކުޑަކުދިން ކަމަށާ، މި ކުދިންގެ ތެރޭގައި އުމުރުން އެންމެ 4 އަހަރުގެ ކުއްޖަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ. މި ހަމަލާގައި މި ކުދިންގެ ބައްޕަ ސަލާމަތްވި ކަމަށާ، އޭނާ ސަލާމަތްވީ، ބޮމުގެ ހަމަލާ އަމާޒުވި ވަގުތު ގޭގައި ނެތުމުގެ ސަބަބުން ކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެއެވެ.

ސޫރިޔާ ރައްޔިތުންގެ ދިފާއަށް ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ވައިޓް ހެލްމެޓްސް"ގެ ވޮލަންޓިއަރުން ބުނި ގޮތުގައި ދީރް-އަލް-ޝަރްގީއަށް ވައިގެ މަގުން 4 ހަމަލާއެއް ދީފައިވާއިރު، މި ހަމަލާގައި މަރުވެފައިވަނީ "ހަމޫދު"އާއިލާގެ ނަމުން ނަންދެވިފައިވާ އާއިލާއެކެވެ.

މުޅި ހޮނިހިރު ދުވަހަށް ބަލާއިރު ރަޝިއާއާއި ސޫރިޔާގެ އަސްކަރީ ފައުޖުތަކުން ދީރް-އަލް-ޝަރްގީ ސަރަހައްދަށް 31 ހަމަލާއެއް ދީފައިވާކަމަށް ވައިޓް ހެލްމެޓްސްއިން ބުނެއެވެ. އޭގެ ތެރެއިން 18 ހަމަލާއަކީ ރަޝިއާގެ އަސްކަރިއްޔާއިން ދިން ހަމަލާތަކެއް ކަމަށްވެސް ވައިޓް ހެލްމެޓްސްއިން ތުހުމަތުކުރެއެވެ.

ހުކުރު ދުވަހު އަލް-ހާސް އަވަށަށްވެސް މިފަދަ ހަމަލާތަކެއްދީ، 13 މީހަކު މަރާލާފައިވާކަމަށް ޚަބަރު ލިބެއެވެ.

ސޫރިޔާ ހަނގުރާމައިގެ ވާހަކަތައް ބައިނަލްއަގުވާމީ މީޑިއާގެ ފަލަ ސުރުހީތަކުން ނުފެނި ފަނޑުވި ނަމަވެސް، އެގައުމުގައި ހިންގަމުންދާ ލޭ އޮހުރުވުންތަކަކަށް ކުޑަ ނަމަވެސް މަޑުޖެހުމެއް ނާދެއެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ އިދްލީބު ޕްރޮވިންސްގެ ކޮންޓްރޯލް ނެގުމުގެ ނަމުގައި އަސަދާ، އަސަދަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން މިއަހަރުގެ އޭޕްރިލް މަހު ވަރުގަދަ އޮޕަރޭޝަންތަކެއް ފެށިފަހުން، ސޫރިޔާގައި ފުރާނަ ގެއްލިދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ސުލްހަވެރި މުޒާހަރާތަކެއްގެ ގޮތުގައި 2011 ވަނަ އަހަރު ފެށި އެއްވުންތައް ހޫނުވެ، ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، އެހަނގުރާމައަކީ ޓެރަރިޒަމްގެ މައިދާނަކަށް ބަދަލުވި ފަހުން އަދާ ހަމައަށް އައިއިރު ސޫރިޔާގެ ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 4 ލައްކައާއި ގާތްކުރެއެވެ. މީގެ އިތުރުން، އެތައް މިލިއަން ބަޔަކު ވަނީ ރެފިއުޖީންނަށްވެ، އަމިއްލަ ވަޒަން ދޫކޮށްލަން މަޖުބޫރުވެފައެވެ.