ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމާއި ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބަލަމުން ދަނީ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން) ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާ ގުޅިގެންކަން އަށް އެނގިއްޖެއެވެ.
"ދަޕްރެސް"އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަމުން ދަނީ އަބްދުﷲ މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރުމާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައެވެ.
ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ މައުމޫނުގެ މައްސަލަތަކެއް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުނު ކަމަށްވެސް އެދުވަހުގެ ކޮމެޓީގައި މުއައްވިޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުން އެންގީ އޭގެ ތިން ހަފްތާގެ ފަހުން ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ. އަދި ޖެހިގެން އައި ހަފްތާގައި މައުމޫނު ރާއްޖެއިން ބޭރަށް ވަޑައިގެންފި ކަމަށްވެސް މުއައްވިޒުގެ ވާހަކައިގައި ވިދާޅުވިއެވެ.
މުއައްވިޒު ވިދާޅުވީ މައުމޫނު ފުރުއްބުމުން އެކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ސަމާލުކަމަށްވެސް ގެންނަވާފައިވާ ކަމަށެވެ. އަދި މައުމޫން ފުރުއްވުމުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މޯލްޑިވް ގޭހުގެ ކަރަޕްޝަންގެ ތަހުގީގަށް އެޅިގެން ދިޔަ ބޮޑު ހުރަހެއް ކަމަށް ވިދާޅުވިއެވެ.
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވަނީ ކުރީގެ ފަސްޓްލޭޑީ ހުޅުމާލޭގައި އިމާރާތް ކުރެއްވި މިސްކިތުގެ މަސައްކަތަށް މޯލްޑިވް ގޭހުން ހަރަދު ކުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މިސްކިތަށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.