ށ. ފަރުކޮޅުގައި ބަނގުރާ ބޮއެގެން މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތުދޭ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައި ވަނީ ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރޭ 00:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އިއްޔެގެ ވަގުތެއްގައިވެސް ވައިގެ މަގުން ރާއްޖޭއަށް މަސްތުވާތަކެތި އެތެރަންވެސް އުޅުނު މީހަކުވަނީ އަތުލައިގަނެފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ރާއްޖެއަށް އެތެރެކުރަން އުޅުނީ 1.52 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ މަގުމަތީގެ އަގަށް ބަލާނަމަ ގާތްގަނޑަކަށް 1 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗެވެ.