އިންޑިއާއިން ކަޝްމީރަށް އަރާ އަތްގަދަކުރާ މައްސަލައިގައި އެކަމުގެ ނުރުހުން ފާޅުކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ކަޝްމީރު މިނިވަން ކުރުމަށް ގޮވާލައި ބޭނުންކުރާ "އާޒާދް ކަޝްމީރު" ދިދަ ނަގައިފިއެވެ.

ލިލީ މަގުގައި ހުންނަ ޕާކިސްތާން އެމްބަސީގައި ނަގާފައިވާ "އާޒާދް ކަޝްމީރު" ދިދަ ފެންނަ ފޮޓޯތަކެއް ދަނީ ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި ނަގާފައި ހުރި ޕާކިސްތާންގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

އިންޑިއާއިން ވަނީ މި މަހުގެ ކުރީކޮޅު ކަޝްމީރުގައި ސިފައިންގެ ލަޝްކަރުތައް ރުކުރުވާލައި، ކަޝްމީރު މިނިވަން ކޮށް އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ. ކަޝްމީރު މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް ބާރު ދެނީ މާއްދާ 370 އެވެ.

މާއްދާ 370 އަކީ، ކަޝްމީރު މީހުންނަށް މިނިވަންކަމުގެ އިމްތިޔާޒުތަކަކާ ބާރެއް ލިއްބައިދިން މާއްދާއެކެވެ. އެގޮތުން ވަކި ގާނޫނު އަސާސީއެއް އެކުލަވާލުމާ، ވަކި ދިދައެއް ގެންގުޅުމާ، ގާނޫނުތައް ހަދާ އުޅުމުގެ ބާރު ކަޝްމީރުގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. ހާރިޖީ، ދިފާއީ އަދި މުއާއްސަލާތާ ގުޅުންހުރި ސިޔާސަތުތައް ހިންގާ ބެލެހެއްޓުން އޮންނަނީ މައި ސަރުކާރަށެވެ.

ގާނޫނު ހަމަޖެހިފައި އޮތް ގޮތުން، ރަށްވެހި ކަން ދީ ބިން މިލްކު ކުރުމާ އެނޫންވެސް އަސާސީ ހައްގުތަކާ ގުޅިގެން ބަސް ކިޔާ، ގާނޫނީ ހައިސިއްޔަތު ދިނުމުގެ ފުރިހަމަ މިނިވަންކަން ޖައްމު އާއި ކަޝްމީރު ސްޓޭޓަށް އޮތީ ލިބިފައެވެ. އެ ސްޓޭޓަށް ނިސްބަތް ނުވާ އިންޑިއާ މީހުންނަށް ޖައްމު އާއި ކަޝްމީރު ސްޓޭޓުން ބިމާ މުދާ މިލްކު ނުކުރެވޭ ގޮތް ހެދުމުގެ ބާރުވެސް މި ސްޓޭޓްގެ ރައްޔިތުންނަށް އޮތީ ލިބިފައެވެ. އެތަނުގައި ވަޒަންވެރިގެން އުޅެވޭނެ މީހުންނާ އެނޫން މީހުން ކަނޑައެޅުމުގެ ބާރުވެސް އޮތީ ލިބިފައެވެ.

މުޅި އިންޑިއާއަށް ބަލާއިރު މުސްލިމުންގެ މެޖޯރިޓީ އޮތް ހަމައެކަނި ސްޓޭޓަކީވެސް ޖައްމު އާއި ކަޝްމީރުގެ ސްޓޭޓްއެވެ.

ކަޝްމީރުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ އިރު، އެ މައްސަލައިގެ ތެރެއަށް ޕާކިސްތާނުން ވަަނީ ވަދެފައެވެ. މިއަދު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލުކުރެވުނު ބަޑީގެ ހަލަމާތަކުގައި އިންޑިއާގެ 5 ސިފައިން އަދި ޕާކިސްތާނުގެ 3 ސިފައިން މިހާތަނަށް ވަނީ މަރުވެފައެވެ.