އަމާޒަކީ ކުރިއަށް އޮތް 3 މަސް ދުވަސްތެރޭގައި ޕާޓީއަށް 10،000 މެންބަރުން ހަމަކުރުން ކަމަށް ޑީއާރުޕީގެ ރަޖިސްޓްރާ އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ޑީއާރުޕީއަށް މެންބަރުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް 90 ދުވަސް ތެރޭގައި 10،000 މެންބަރުން ހަމަކޮށް ދައުލަތުގެ ބަޖެޓުން އަންނަ އަހަރު ޕާޓީއަށް ކޮންމެވެސް ކަހަލަ މަންފާއެއް ނުވަތަ ޕާޓީ ހިންގުމަށް ކުރެވޭ ހަރަދުތަކުގެ ތެެރެއަށް ކޮންމެވެސް ވަރެއްގެ ޗަންދާއެއް ލިބޭނެގޮތެއް ވެގެން ދިއުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، އެ ޕާޓީގައި ތިބޭ މެންބަރުންގެ އަދަދަށް ބެލުމަށްފަހުގައެވެ. މި އިސްލާހުގެ ކުރިން 3000 ހަމަވާ ޕާޓީތަކަށް ފައިސާ ދޫކުރަމުން ދިޔައެވެ.

ރިފާއު ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާ ކޮށް މެންބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގފެ ތެރެއިން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ޕާޓީ ހިންގުމަށް އެކި ގޮތްގޮތުން ފަންޑްރައިޒް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވީ ސިޔާސީ ޕާޓީއަށް ގެނައި އިސްލާހުގެ ސަބަބުން، ފިންގާޕްރިންޓް ނެތް މެންބަރުން ޕާޓީން އޮޓަމެޓިކުން ވަކި ވެފައިވާ އިރު އެ މައްސަަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޕާޓިއާ އެއްކޮޅަށް ނިމިއްޖެ ނަމަ ގެއްލުނު މެންބަރުން އަލުން ޕާޓީއަށް ވައްދާ މަސައްކަތް ކުރިއަށް ހިނގައިގަނެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި 11000 އަށްވުރެ ގިނަ މެންބަރުން ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ޕިންގާޕްރިންޓް ނުޖަހާ ހުރި ފޯމްތަކުގެ ސަބަބުން ވަނީ ގެއްލިގެން ގޮސްފައި. ދެން އެ މައްސަލަ ހައިކޯޓުގައި ޗެލެންޖް ކޮށްގެން މިއުޅެނީ. ދެން އެއަށްވެސް ހައިކޯޓުން ރަނގަޅަށް ބައްލަވާ އެއަށް ރަނގަޅު ހުކުމެއް އަންނާނެ ކަމަށް އުއްމީދުކުރަން. އަދި އެއާ އެކީގައި އަޅުގަނޑުމެންނަށް އެ މެންބަރުން އަނބުރާ ލިބޭނެކަމުގެ އުންމީދު ވެސް އެބަކުރަން،"
ރިފާއު

ރިފާއު ވިދާޅުވީ އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހަވާލުވެވަޑައިގެންނެވި އިރު ޕާޓީ އޮތީ ވަރަށް ބޮޑެތި ދަރަނިވެރިވެފައި ކަމަށެވެ. އަދި ޑީއާރުޕީއާއެކީ ކުރިއަށް ވަޑައިގަތުމަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެސްވީ އެކަންތައް ކަމަށާއި، ނަމަވެސް ލިބެމުންދިޔަ ފައިސާގެ ތެރެއިން ބައެއް ދަރަނިތައް މިހާރު ދައްކާފައިވާ ކަމަށެވެ.

އަދި ބާކީ މިހާރު ހުރީ ކުޑަ ދަރަނިތަކެއް ކަމަށާއި، އޭގެ ތެރެއިން ކޯޓުތަކުގައި ހުރި މައްސަލަތައް ނިމިގެންދާ އިރު، ޕާޓީގެ ދަރަނިތައް ޔަގީންވާނެ ކަމަށް ރިފާއު ވިދާޅުވިއެވެ. ދާދިފަހުން އެ ޕާޓީން ވަނީ 2.5 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސްކޮށްފައެވެ.

ޑީއާރުޕީން އަންނަނީ އެ ޕާޓީގެ ކޮންގްރެން އަންނަމަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ. ޑީއާރުޕީގެ ލީޑާޝިޕުން ވަނީ އެ ޕާޓީގެ ލީޑަރުކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހޮވާފައެވެ. އަދި ނައިބު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވީ އެ ޕާޓީގެ ކުރީގެ ލީޑަރު ނަޝީދެވެ.