ޑީއާރުޕީ އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތަކުގައި، ރަށްރަށުގައި ޖަގަހަތައް ހެދުމުގެ ބަދަލުގައި ހަދާނީ ޕްރިފެބްރިކޭޓެޑް ކުލަބް ހައުސްތަކެއް ކަމަށް ޑީއާރުޕީގެ ރަޖިސްޓްރާ އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ޑީއާރުޕީގެ މަސައްކަތްތައް ކުރިއަށް ހުރިގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ބޮޗޭ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ޕާޓީގެ ހަރުގެތަކުގެ ބަދަލުގައި ކުލަބް ހައުސެއްގެ ގޮތުގައި ޔޫތް ސެންޓާ ކޮންސެޕްޓެއްގައި ޖަގަހަތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެކަމާ ބެހޭ މާހިރުންނާ ވާހަކަދައްކާ ޑިޒައިންތައް ތައްޔާރުކޮށް އެކަންކަން ކުރުމުގެ ތައްޔާރީތައް ވުމަށްޓަކައި ޕްރިފެބްރިކޭޓެޑް ކޮންސެޕްޓެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ ޕާޓީން އެންމެ އިސްކަމެއްދީގެން މިހާރު ތައްޔާރުވަމުން ދަނީ ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމަށް ކަމަށެވެ. އެގޮތުން އަންނަ މަހުގެ 20 އަދި 21 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށާ، ކޮންގްރެސް ބޭއްވުމުގެ ކުރިން ރާއްޖޭގެ ގިނަ ކަންކޮޅުތަކެއްގައި ޑީއާރުޕީގެ ގޮފިތައް ވެސް ގާއިމްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ ޕާޓީގައި ކުރީގައި ތިއްބެވި މެންބަރުން ތިބީ ކޯމާއެއްގައި ކަމަށާ އަލުން އެ މެންބަރުން އެކްޓިވޭޓްކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެކިއެކި ކަންކަމުގައި ބައިވަރު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޕާޓީގައި އެންމެ ރަނގަޅު ޑާޓާތަކެއް ވެސް ނެތް ކަމަށާ، އެ އެއްޗެހި އަލުން އަޕްޑޭޓްކުރުމުގެ މަސައްކަތޔް ވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޑީއާރުޕީ ހުއްޓުމަކަށް އައިސްފައި އޮއްވާ، އަލުން އެ ޕާޓީގެ ކޮޅަށްޖެހުމުގެ މަސައްކަތް ފަށާފައިވަނީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ ހުންނަވައިގެންނެވެ. އަދި ދާދި ފަހުން ޑީއާރުޕީން ވަނީ ޖާބިރަށް ޕާޓީގެ ލީޑަރުކަން ވެސް ހަވާލުކޮށްފައެވެ.
ޖާބިރުގެ އިތުުރުން އެ ޕާޓީއަށް މަޖިލީހުގެ އެހެން ދެ މެންބަރަކު ވެސް ވަނީ ސޮއިކުރައްވާފައެެވެ. ނަމަވެސް އެއީ ކޮން ދެ މެންބަރުންކަމެއް އަދި އެ ޕާޓީން ހާމައެއް ނުކުރެއެވެ. ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ޑީއާރުޕީ ތަމްސީލުކުރާ މެންބަރެއް މަޖިލީހުގައި ނެތް އިރު 19 ވަނަ މަޖިލީހަށް ވެސް ޑީއާރުޕީގެ މެންބަރެއް ނުހޮވެއެވެ.
ޑީއާރިޕީއަކީ ރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓިއެވެ. އެ ޕާޓީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމެވެ. ނަމަވެސް ޑީއާރުޕީގެ އެތެރޭގެ އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގައި ތިއްބެވި އިސް ފަރާތްތައް ޕާޓީން ވަކިވެވަޑައިގެން، މިހާތަނަށް އެޕާޓީގެ ސިޔާސީ ހަރަކާތްތައްއޮތީ ހުއްޓިފައެވެ. އަދި ބޮޑެތި އަދަދުތަކުން އެޕާޓީވަނީ ދަރަނިވެރިވެސް ވެފައެވެ. ނަމަވެސް ޕާޓީގެ ދަރަނިތައް ކުޑަކޮށް ސިޔާސީ ޕާޓީތަކުގެ ގަވާއިދާއެއްގޮތަށް ހިންގުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމުންދާކަމަށް އެ ޕާޓީގެ އާ ލީޑާޝިޕުން ބުނެއެވެ.
ބޮޗޭ ބުރޯ. ވަޓް އިސް ދި ޑިފެރެންޓް ބިޓުވީން ޖަގަހަ އެންޑް ކްލަބް ހައުސް. އާނ. އިނގިރޭސި ކޮށްލީމަ ދެން މާ މަތިވީތާ. މި ގޮލާ ހަމައެއް ނޫން.