މިއަދުގެ ޒުވާނުންނަކީ، ޤައުމަށް ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކަށް ހެދޭނީ، ޒުވާނުން ބިނާކުރުމަށް އިސްކަން ދީގެންކަމަށާއި، ސަރުކާރުގެ އަމާޒަކީ، ޒަމާނީ ތައުލީމް އުނގަންނައި ދީގެން، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. ރައީށް ސޯލިހްގެ ހިތާބުގައި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށާއި ހެޔޮ ގޮތުގައި ޒުވާނުން ބިނާކޮށް، ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

ރައީސް ސޯލިހް ވަނީ އިންސާނީ ކޮންމެ މުޖްތަމައަކަށް، ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި، ޒުވާނުންނާ ނުލައި، އެއްވެސް މުޖްތަމައެއް ކުރިނާރާނެ ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، މި އަހަރުގެ ޒުވާނުންގެ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިއާރުގެ އަމާޒަކީ، އެކަކުވެސް ބާކީނުކޮށް އެންމެން ޝާމިލްވާ، ހަމަހަމަ ފުރުސަތު ލިބިދޭ، ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރު ކޮށްދިނުމެވެ. ހަމައެއާއެކު، ހަޔާތުގެ ހުރިހާ އުމުރު ފުރާއެއްގައި ތައުލީމް ހާސިލްކުރުމުގެ ފުރުސަތު، އެންމެންނަށް ފަހިކޮށްދިނުމެވެ. އދ. މަޖިލީހުން ކަނޑައަޅާފައިވާ، ދެމެހެއްޓެނިވި ތަރައްގީގެ 2030ގެ އެޖެންޑާގެ ބިންގަލަކީ، ފެންވަރު ރަނގަޅު ތައުލީމް ކަމަށްވާތީ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު ޓީޓީ އަންހެން ޓީމާއެކު އައިއޯއައިޖީގައި
އަޅުގަނޑުގެ އުންމީދަކީ، ދައުލަތުން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ތިޔަ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ އަޒުމް ކަނޑައަޅައި، އެކަމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ތިޔަ ޒުވާނުންގެ އަމިއްލަ ދިރިއުޅުމަށް ލިބޭ ކޮންމެ ކުރިއެރުމަކީ، ގައުމަށް ލިބޭ ތަރައްގީއެވެ. ތިޔަ ޒުވާނުން ޒިންމާދާރުވުމަކީ، ގައުމު އިސްލާހްކުރުމުގެ ތަޅުދަނޑިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ޒުވާނުން ޒިންމާދާރުވުމަކީ ގައުމު އިސްލާހު ކުރުމުގެ ތަޅުދަނޑި ކަމަށް ވިދާޅު ވަމުން ރައީށް ސޯލިހް ވަނީ ޒުވާނުންނަށް އެމަނިކުފާނު ކުރައްވާ ފޮނި އުއްމީދުތައް ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރަމުން ދާނީ، ޒަމާނީ ތައުލީމާއި ތަމްރީން ލިބިގެން، އަމިއްލަ އަތުން ދިރިއުޅުން ބިނާކުރާ، ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމުގެ ލަނޑުދަނޑި ހާސިލްކުރެވޭނެ މަގުންކަމަށެވެ. އަދި އޭގެ ބޭނުމަކީ، ގައުމާއިގެން ކުރިއަށް ދިޔުމުގެ ރޫހާއި، ވަތަނީ ލޯބި ހުރި، އަދުލު އިންޞާފަށް ވަކާލާތުކުރާ ޖީލެއްގެ އަތްމައްޗަށް، ގައުމުގެ ކުރިމަގު ފުރޮޅިގެން ދިޔުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.