އީދުގެ އުފަލުގައި މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދް ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސް ވިދާޅުވީ އީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމުގައިވެސް ރައީސް ސިފަކުރައްވާފައިވެއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، އަޟްހާ އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ގައުމާއި އާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، ފަރާތްތަކުގެ މަތިން ހަނދުމަފުޅު އާކުރައްވައި އީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރުން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ހައްޖަކަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.

ރައީސް ވިދާޅުވީ މިފަދަ ކޮންމެ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި، އަޟްހާ އީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި އީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުސޫލުތައްކަމަށާއި، އެކަން މުޖުތަމައުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަސްލަހަތަށް އިސްކަންދީ އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސް ވިދާޅުވި އެވެ.