ދިވެހި އެންމެހައި ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތުގައި. ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ސައުދީގައި ހުންނަ ދިވެހި ޙައްޖު މިޝަންއިން ބުނެފިއެވެ.

1440 ވަނަ އަހަރުގެ ދިވެހި ދައުލަތުގެ އަމީރުލް ޙައްޖު މިނިސްޓާ އޮފް ޕްލޭނިންގް އެންޑް އިންފުރާސްޓްރަކްޗާ މުޙައްމަދު އަސްލަމްވެސް ވަނީ މިކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އަށް، ފޯނު މެދުވެރިކުރައްވާ ދެއްވި ބަސްދީގަތުމެއްގައި މިނިސްޓާ އަސްލަމް ވިދާޅުވީ، މިއަހަރު ޙައްޖަށް ދިޔަ ދިވެހި ހުރިހާ ރައްޔިތުންވެސް މިހާރު ތިބީ މާތްވެގެންވާ ޢަރަފާތު ބިމުގައި ކަމަށާ، އެންމެ ފަހު ޖަމާއަތް މިއަދު ހެނދުނުގެ ވަގުތެއްގައި ޢަރަފާތު ބިމަށް ގޮސްފައިވާކަމަށެވެ.

މިދުވަސްވަރަކީ ބައެއްކަހަލަ ބޮޑެތި ރޯގާތައް ފެތުރެމުންދާ ދުވަސްވަރެއް ނަމަވެސް، އެއްވެސް ޙައްޖުވެރިއަކު ބޮޑު ބައްޔެއްގައި ނޫޅޭކަމަށާ، ޙައްޖުވެރިން ތިބީ ހެޔޮ ހާލުގައިކަންވެސް އަމީރުލް ޙައްޖު މިނިސްޓާ އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޙައްޖުވެރިން، މާތްވެގެންވާ ޢަރަފާތު ބިމުގަ/ފޮޓޯ: ދިވެހި ޙައްޖު މިޝަން

ރޭގެ ވަގުތެއްގައި ދިވެހި ޙައްޖުވެރިއަކު ގެއްލިގެން އުޅެން ޖެހުނު ނަމަވެސް، ފަތިހުގެ ވަގުތެއްގައި އެކަން ޙައްލުވެފައިވާކަމަށްވެސް އަމީރުލް ޙައްޖު މިނިސްޓާ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ސައުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ކޯޓާގައި 2000 މީހުން ވަނީ މިއަހަރު ޙައްޖަށް ގޮސްފައެވެ.