ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް މިވަގުތު ސައުދީ އަރަބިއްޔާގައި ތިބި ޙައްޖުވެރިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، ޑިޖިޓަލްކޮށް، ރޮބޮޓުންގެ އެހީގައި ފޯރުކޮށްދިނުމުގެ އިންތިޒާމް، އެގައުމުން ހަމަޖައްސައިފިއެވެ.

ޙައްޖުގެ އަޅުކަމުގައި މައްކާއާއި މަދީނާގައި ޙައްޖުވެރިންނަށް ސިއްހީ ހިދުމަތެއް ބޭނުންވެއްޖެ ހިނދެއްގައި، ޖިއްދާއާއި ރިޔާދްގައި ތިއްބަވާ ޑޮކްޓަރުންނާ ޑިޖިޓަލްކޮށް، ރޮބޮޓުންގެ އެހީގައި ގުޅާލެވެނޭ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ރޮބޮޓްތައް ގުޅާލާފައިވަނީ 4ޖީ ޓެކްނޮލިޖީގެ އެހީގައެވެ.

މި ޓެކްނޮލޮޖީގެ އެހީގައި ޙައްޖުވެރިންގެ ތެރެއިން ބަލިމީހުންނާ ހާއްސަ ޑޮކްޓަރުންނާ ގުޅާލަދެއެވެ. އެގޮތުން އޮންކޮލޮޖިސްޓުންނާ ކާޑިއޮލޮޖިސްޓުންގެ އެހީތެރިކަންވެސް ޙައްޖުވެރިންނަށް މި ޕްލެޓްފޯމު މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އޮވެއެވެ.

މިނާ، މުޒްދަލިފާ އާއި އަރަފާތު ފަދަ ޙައްޖުގެ އަޅުކަމާ ގުޅިފައިވާ މައިދާންތަކުގައި، ޙައްޖުވެރިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ 16 ހޮސްޕިޓަލަކުން މި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، މި ޓެކްނޮލޮޖީ ބޭނުންކުރުމަށް ޑޮކްޓަރުންވެސް ތަމްރީނުކޮށްފައިވާނެ ކަމަށެވެ. 2 މިލިއަނެއްހާ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރަމުންދާއިރު ތޮއްޖެހުމުގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، މި ޓެކްނޮލޮޖީއާއިއެކު ބޭނުންކުރާ ރޮބޮޓްތަކުގެ ސަބަބުން، ލުއިފަސޭހަކަމާއެކު ޕޭޝަންޓާ ހަމަށް ދެވުމުގެ މަގު ތަނަވަސްވެގެންދެއެވެ.