އެއް އަހަރު ދުވަސްވެފައިވާ އިރު ވެސް ރިޟްވާން ރަހީނު ކުރިކަމަށް ބުނެ ދައުވާ އުފުލި ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފައި ނުވާކަމަށް ބުނެ ހައިކޯޓުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް ރައްދު ދީފިއެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވާނެކަމަށް ބުނެ ޕީޖީ އޮފީހުން ކުރި ޓްވީޓާ ގުޅިގެން ނުރުހުންވެ ހައިކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަހަރެއް ވި އިރު ވެސް އެ މައްސަލަ އިސްތިއުނާފަށް ވެސް އަދި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިވެސް އެ ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ހައިކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޟްވާން ރަހީނުކުރި ކަމަށް ބުނެ ޕީޖީއިން ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމުން، އެ ކުށް އެމީހުންގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން، ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެ، ޕީޖީ އޮފީހުން ކޮށްފައިވާ ޓްވީޓަކީ ދޮގު ޓްވީޓެއްކަމަށް ބުނެފައިވެއެވެ.

"ކްރިމިނަލް ކޯޓުގެ ނަންބަރު 936/Cr-C/2017 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވެ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވީ ބުރާސްފަތި ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވެއެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ ދެންނެވުނު ގަޒިއްޔާ އިސްތިއުނާފު ކުރެއްވުމަށް ގަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީއަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅުއްވުމުގެ ހުއްދަ ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ."
ހައިކޯޓު

އަދި ޕީޖީގެ ސިޓީއަށް އޮގަސްޓް 6، 2018 ވަނަ ދުވަހު ހައިކޯޓުން ދިން ޖަވާބުގައި ބުނެފައިވާނީ، "ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތު ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (27 ޖެނުއަރީ 2015) ސަރކިއުލާގައި ބަޔާންކޮށްފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ކަމަށެވެ." ހައިކޯޓުން ބުނީ މި ދެންނެވުނު މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ޕީޖީއަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އެ މުއާމަލާތުގެ އިތުރުން އެ ކޯޓާއި ޕީޖީ އޮފީހާއި ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަމަށް ހައިކޯޓުން ބުނެއެވެ. އަދި އޮގަސްޓު 6، 2018 ގައި އެ ކޯޓުން ޕީޖީ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް އެ މައްސަލަ އިސްތިއުނާފު ކުރުމަށް އަދި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިވެސް އެ ކޯޓަށް ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުން މިހެން ބުނެފައިވާ އިރު، މިއަދު ޕީޖީން ވަނީ ރިޟްވާން ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައި ވާނެ ކަމަށް ބުނެފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް ހައިކޯޓުގައި އެދުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ. އެއީ ކުރިމިނަލް ކޯޓުން ހުކުމް ވެސް ކުރި ދުވަހެވެ. އެ ހުއްދައަށް އޭގެ ހަތަރު ދުވަސް ފަހުން ހައިކޯޓުން ޖަވާބު ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.