ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ކޮންޓްރޯލް ނުނެގި އެގައުމުގައި އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ހުޅަނގުއުތުރު އިދްލީބް ޕްރޮވިންސް ހިމެނޭ ހިސާބުގައި މިފަހަކަށް އައިސް ހިންގާ ކުރިމަތިލުންތަކުގެ ސަބަބުން ސައްތަ އިންސައްތަ ހާސްކަމާ ނުތަނަވަސްކަން ކުރިމަތިވެފައިވާކަމަށާ، މިއީ އަލިފާނާ ކުޅުން ކަހަލަ ކަމެއް ކަމުގެ އިންޒާރު، އދއިން ދީފިއެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުން ފެއިލްވެ، ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ހަމަލާތައް ދެމުންދާއިރު، ކަންކަން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތްކަމަށް އދއިން ބުނެއެވެ. މިއާއެކު އާންމު ރައްޔިތުންގެ އެތައް މިލިއަން ބައެއްގެ ފުރާނަ، ނުރައްކަލުގެ ތެރެއަށް އެއްލާލެވިފައިވާކަންވެސް އދއިން ފާހަގަކުރެއެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް މިހާރު އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ އިދްލީބުގެ ކޮންޓްރޯލް ނެގުމަށް، ރަޝިޔާގެ އެއްބާރުލުމާއެކު ސޫރިޔާގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަންތަކެއް އަލުން ފެށީ ނިމިގެންދިޔަ ހަފުތާގެ ތެރޭގައެވެ. މި ސަރަހައްދަކީ، އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ސޫރިޔާގެ ހަނގުރާމާގައި، ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުންދޭ އަސްކަރިއްޔާގެ ހަމަލާތަކުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ ބަޔަކު ހިމާޔަތެއްގެ ގޮތުގައި ބަދަލުވަމުން އައި ސަރަހައްދެކެވެ. އިދްލީބުގައި މިހާރު ތިބި 3 މިލިއަނެއްހާ މީހުންގެ ތެރެއިން، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ސޫރިޔާގެ ކޮންމެވެސް އެހެން ސަރަހައްދެއްގައި ހަނގުރާމަ ގަދަވެގެން އަމިއްލަ ވަޒަން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ބަދަލުވެގެން އުޅޭ މީހުންނެވެ.
އިދްލީބުގެ ކޮންޓްރޯލް ހޯދުމަށް އެންމެ ވަރުގަދަ އޮޕަރޭޝަނެއް ލޯންޗްކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން އަދާ ހަމައަށް އާދެވުނުއިރު، އެކިކަހަލަ ހަމަލާތަކާ ކުރިމަތިލުންތަކުގައި މަރުވި އާންމު ރައްޔިތުންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައެވެ. ޒަހަމްވީ މީހުންގެ އަދަދުވެސް އެތައް ސަތޭކައަށް ގުނާލެވެއެވެ. އަދި އެތައް ސަތޭކަ ހާސް ބައެއްގެ ގެދޮރު ގެއްލިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސޫރިޔާގެ ޚަބަރުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ސަމާލުކަން ދޭ މިންވަރު އިންތިހާއަށް ދަށްވަމުން ދިއުމަކީ ސޫރިޔާގައި ދޭ ހަމަލާތައް މަދުވުން ނޫންކަމަށް ބުނެ، ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.