24.6 މިލިއަންގެ ބޮޑު އާބާދީ އެއް އޮންނަ އޮސްޓްރޭލިއާ އަކީ ރާއްޖޭގެ ސަގާފަތާ ވަރަށް ދުރުގައި އޮންނަ ތަނެކެވެ. އޮސްޓްރޭލިއާގައި 24.6 މިލިއަން މީހުން އުޅޭ އިރު، މީގެ ތެރެއިން މިލިއަނެއްހާ މީހުންނަށް ވެސް ރާއްޖެއަކީ ކޮބާ ކަމެއް ނޭނގޭނެއެވެ. ހަމަ އެގޮތުގެ މަތިން އޮސްޓްރޭލިއާގައި އުޅޭ ދިވެހިންގެ އަދަދު ވެސް ވަރަށް މަދެވެ. 200 އެއްހާ މީހުންނެވެ.
ދިވެހިންގެ ސަގާފަތާއި މުޅިން ބީރައްޓެހި އޮސްޓްރޭލިއާ އަށް ދިވެހި ބޮޑު މަސް ދިޔައީ އޭ ބުނުމަކީ މިއީ ހައިރާންވާ ކަމެކެވެ. މި ޒަމާނުގެ ޒުވާން ކުދިންނަށް ވެސް ބޮޑު މަސް އެއީ ކޯއްޗެއް ކަން އެނގެނީ މަދު ފަހަރަކު އެވެ. ކަން މިހެން އޮންނަ އިރު އޮސްޓްރޭލިއާ އަށް ބޮޑު މަސް ދިޔައީ ކިހިނެއްތޯ މިއީ އުފެދިދާނެ ސުވާލެކެވެ.
އޮސްޓްރޭލިއާ އަށް ބޮޑު މަސް ގެންދިޔައީ ކާކު؟
އޮސްޓްރޭލިއާ އަށް ބޮޑު މަސް ގެންދިޔައީ، އަންހެނުންނާ އެކު އޮސްޓްރޭލިއާ އަށް މަހެއްހާ ދުވަހަށް ޗުއްޓީ އަށް ދިޔަ ހއ ކެލާ ފައުޒީ ގާސިމެވެ. ހޮބީ އެއްގެ ގޮތުގައި އާންމުކޮށް އުކާލެވޭ އެއްޗެހިން ތަފާތު ރީތި އެއްޗެހި އުފައްދާ އުމުރުން 51 އަހަރުގެ ފައުޒީ އަކީ ހުނަވެރި މީހެކެވެ. ފައުޒީ އެއްޗެހި ތައްޔާރު ކުރަނީ އާންމުކޮށް ކަށިކެޔޮ ފަތާއި އިލޮށި އަދި ފަންވަތް ފަދަ އެއްޗެހިންނެވެ.
ފައުޒީގެ މަސައްކަތާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭނާ ބުނީ މި މަސައްކަތް ފެށުނު ގޮތް އެއްގޮތަކަށްވެސް ނޭނގޭ ކަމަށެވެ. ނަމަވެސް މި ކަމަށް ޝައުގުވެރިކަން އުފެދިގެން ދިޔައީ 'ސޭވް ދަ ޗިލްޑްރަން' ކިޔާ ޖަމާއަތުން ހއ. ފިއްލަދޫގައި ހިންގި އަތްތެރި މަސައްކަތުގެ ވޯކްޝޮޕެއްގެ ތެރެއިން ކަމަށެވެ. ފައުޒީ ބުނީ މި ވޯކްޝޮޕް ތެރެއިން ބައެއް އެއްޗެހި ދަސްވެގެން ދިޔަ ކަމަށާ، ނަމަވެސް މިހާރު ގެންގުޅެނީ މުޅިން ވެސް އަމިއްލައަށް އުފައްދައިގެން ގެންގުޅޭ އެއްޗެއްސާއި، އެކި ގޮތްގޮތުން ދަސްވާ އެއްޗެހި އަމިއްލައަށް މޮޑިފައި ކޮށްގެން ކަމަށެވެ. ފައުޒީ ބުނާ ގޮތުގައި އޭނާ އެ މަސައްކަތް ކުރާތާ މިހާރު 20 އަހަރު ވެދާނެއެވެ.
އޮސްޓްރޭލިއާގައި ބޮޑުމަސް ތައްޔާރު ކުރީ ކިހިނެތް؟
އޮސްޓްރޭލިއާގައި ބޮޑު މަސް ތައްޔާރު ކުރީ އެތަނުގައި އުޅޭ ދިވެހިން މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން އޮސްޓްރޭލިއާގައި ރަޖިސްޓްރީ ކޮށްފައި ވާ "ވަމާ" ކިޔާ ދިވެހިންގެ ޖަމްއިއްޔާ އަކުން މިނިވަން ދުވަސް ފާހަގަ ކުރުމަށް ހުރިހާ ދިވެހިންގެ މެދުގައި ބޭއްވި ބައްދަލުވުއެއްގައި އެންމެން ގުޅިގެން ކުޑަ ހަފްލާއެއް ބޭއްވުމަށް ނިންމިއެވެ.
ފައުޒީ ބުނީ، އެ ހަފްލާ ބޭއްވުމަށް ނިންމި އިރު ވެސް އެތާނގައި ތިބި ބަޔަކަށް އޭނާ އަކީ އަތްތެރި މަސައްކަތް ކުރާ މީހެއް ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އޮސްޓްރޭލިއާގައި އުޅޭ އޭނާގެ ކޮއްކޮއެއްގެ އެދުމުގެ މަތިން ބޮޑު މަހެއް ތައްޔާރު ކުރުމަށް އެއްބަސް ވި ކަމަށެވެ. އޭރުވެސް ފައުޒީ މިކަން ކުރަން އުޅޭ ކަމެއް މިނިވަން ދުވަހުގެ ހަފްލާ ބާއްވާ ޖަމްއިއްޔާގެ މީހުންނަކަށް ވެސް ނޭނގެއެވެ.
އޮސްޓްރޭލިއާގައި ބޮޑު މަސް ތައްޔާރު ކުރުމަށް ދިމާވި ދަތިތައް ކިޔައި ދެމުން ފައުޒީ ބުނީ، އެތަނުގައި ދިވެހި ރުކެއް ނުހުންނަ ކަމަށާއި، ނަމަވެސް ފާޑެއްގެ ފުނަ ވަކިތަކެއް ފަދަ އެއްޗެއް އަޅާ ބޮޑުކޮށް ހެދިފައި ހުންނަ ރުކެއް ހުންނަ ކަމަށް އޭނާ ބުނެއެވެ. ބޮޑު މަސް ވިއުމުގެ މަސައްކަތް ފެށްޓީ ދިވެހި ރުކާ ހިލާފަށް ހަރުކޮށް ހެދިފައި ހުންނަ ފަންވަތްތައް ހުންނަ އެ ރުކުން ފަން ވިޔެވޭނެ ކަމަށް ލަފާ ކޮށްފައި ކަމަށް ފައުޒީ ބުނެއެވެ.
ވަމާ ޖަމްއިއްޔާ އިން އިސްނަގައިގެން މިނިވަން ދުވަސް ފާހަގަ ކުރުމަށް "އެންމެން އެކުގައި ވަމާ" ޝިއާރުގައި ބޭއްވި އެ ހަފްލާއަށް ބޮޑުމަސް ވިޔެގެން ބޮޑު މަސް ގެންދިއުމުން، އެތަނުގައި ތިބި 100 އަށް ވުރެ ގިނަ ދިވެހިންގެ މޫނު މަތިން ފެނިގެން ދިޔައީ ހައިރާން ކަން ކަމަށް ފައުޒީ ސިފަކުރިއެވެ. އެގޮތުން، އެތަނުގައި ތިބި ގިނަ މީހުންނަށް ދުވަހަކު ވެސް ބޮޑު މަހެއް ފެނިފައި ނުވާ ކަމަށް ފައުޒީ ބުނެއެވެ.
ބޮޑު މަސް އޮސްޓްރޭލިއާގެ ޕެރޭޑަށް؟
ރާއްޖޭގެ މިނިވަން ދުވަހުގެ ހަފްލާއަށް ގެންދިޔަ މި ބޮޑު މަސް ދިވެހިންގެ އިތުރުން އެހެން ބަޔަކަށް ފެނިފައި ނުުވާ އިރު، ބޮޑު އީދުގައި އެތާނގައި އެ މަސް ނެރެގެން ހުރިހާ ޕާކުތަކަށް ޒިޔާރަތް ކުރުމަށް "ވަމާ" ޖަމްއިއްޔާ އިން ނިންމާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އަދި އޮސްޓްރޭލިއާގެ މިނިވަން ދުވަހުގެ ޕެރޭޑުގައި އެ ބޮޑުމަސް ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންނ ދާކަމަށްވެސް ފައުޒީ ބުންޏެވެ. އެގޮތުން ޕެރޭޭޑުގައި ބޮޑު މަސް ބައިވެރި ކުރާ އިރު، އެއާ އެކު މާލި، ވެލާ އަދި ކަހަނބު ފަދަ ފަނުން ހަދާ އެކި ކަހަލަ އެއްޗެހި އެކުލެވޭ ގޮތަށް ހަދާ ސްޓޯލް އެއް ގާއިމު ކުރުމަށްވެސް ވަނީ ވިސްނާފައެވެ.
އޮސްޓްރޭލިއާގެ މިނިވަން ދުވަހުގެ ޕެރޭޑުގައި ދިވެހި ބޮޑު މަސް ބައިވެރި ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅިގެން ދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. އެތައް މިލިއަން ބަޔަކު ބަލާނެ މި ޕެރޭޑުން ދިވެހި ސަގާފަތާ މެދު އެތައް ބައެއްގެ ސުވާލުތައް އުފެދި، އެތައް ބަޔަކު ހައިރާން ވެގެން ދާނެއެވެ. އޮސްޓްރޭލިއާގައި އުޅޭ ދިވެހިން ބޮޑުމަސް ސިފަ ކުރީ ޗައިނާ އިން ފޮތި ބޭނުން ކޮށްގެން ހަދާ ޑްރެގަން ފަދަ އެއްޗެއްސަށް ވުރެ ވެސް ފައްކާ އެއްޗެއްގެ ގޮތުގައެވެ.
އޮސްޓްރޭލިއާ އަކީ ނިކަން ބޮޑު ގައުމެއް.. އެތަނުގެ އެކި ސިޓީތަކުގަ ދިވެހިން އުޅޭ.. ކޮން ސިޓީއެއްގައި ހިނގި ކަމެއްކަން އާރޓިކަލްގައި ހިމަނާލިނަމަ ވަރަށް ފައްކާވީސް..